23 Oct 2013, 09:56
ވޮޝިންޓަން (އޮކްޓޯބަރ 23): ޕާކިސްތާންގެ ވަޒީރުސްތާނަށް އެމެރިކާގެ ދެމުންގެންދާ "ޑްރޯން"ހަމަލާތަކަކީ ޤާނޫނާއި ޤާވާއިދާއި ޚިލާފަށް ދޭ އިންސާނީ ހައްގުތަކާ ޚިލާފު ހަމަލާތަކެއް ކަމަށާ އެކަމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކަށް ހައްޤު އަދަބު ދޭންޖެހޭނެ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފި އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕާކިސްތާނުގެ ހުޅަނގު އުތުރު ޤަބީލާ ޞަރަހައްދަށް އެއްވެސް އިންޒާރު ދިނުމެއް ނެތި އެމެރިކާ ދެމުން ގެންދާ ޑްރޯން ޙަމަލާތަކުގައި ކުށެއް ނެތް އާއްމު ރައްޔިތުން މަރުވަމުންދާ ކަމަށާ މިއީ އިންސާނީ ހައްޤުތަކާ ޚިލާފު ވަރަސް ސީރިޔަސް މައްސަލައެއް ކަމުގަ އެވެ. ހަނގުރާމަވެރިންގެ ޖަގަހަތަކަށް އަމާޒުކޮށްކަމަށް ބުނެ މިޙަމަލާ ދިން ނަމަވެސް ޙަމަލާތަކުގައި ކުށެއް ނެތް އާއްމުން މަރުވަމުންދާ ދިޔުމަކީ ޤަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށާއި، މިކަމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް އެމްނެސްޓީގެ ބަޔާން ބުނެ އެވެ.
ޖާސޫސީ މައްލޫމާތުގެ އެހީގައި "ޑްރޯން" ހަމަލާތައް ދެމުންގެންދަނީ ހަނގުރާމަވެރިންގެ ސީދާ އަމާޒުތަކަށްކަމަށް އެމެރިކާ ބުނި ނަމަވެސް މިއީ ހަގީގަތެއް ނޫން ކަމަށް އެމްނެސްޓީ ބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން 2004 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގެ ވަޒީރުސްތާނުގެ ސަރަހައްދުތަކަށް އެމެރިކާ ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 400 އެއްހާ ހަމަލާ އެމެރިކާ ދީފައިވެ އެވެ. މި ޙަމަލާތަކުގައި 2500 އާއި 3600 އާއި ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާ އިރު މީގެތެރޭގައި ހާހަކަށް ވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށް ވެސް މުސްތަގިއްލު ރިޕޯޓްތައް ބުނެ އެވެ.
އަނެއްކޮޅުން އެމެރިކާ އިން ވަޒީރުސްތާނަށް ދެމުންގެންދާ ޑްރޯން މަތިންދާބޯޓުތަކުގެ ޙަމަލާތަކަކީ ގަބޫލުކުރެވޭނެ ހަމަލާތަކެއްނޫން ކަމަށާ މިޙަމަލާތައް ޖެހޭނީ ހުއްޓާލަން ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް ވެސް ވަނީ ވިދާޅުވެފަ އެވެ. އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ޕީސް އިންސްޓިޓިއުޓްގައި އިއްޔެ ތަގްރީރު ކުރައްވަމުން ނަވާޒް ޝަރީފު ވިދާޅުވީ އެމެރިކާއިން ޕާކިސްތާނަށް ދޭ ޑްރޯން ޙަމަލާތަކަކީ ޕާކިސްތާނުގެ ހުއްދަލިބިގެން ދޭ ހަމަލާތަކެއްނޫން ކަމަށާ މިކަމުގެ ސަބަބުން ޕާކިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމުގަ އެވެ. އެމެރިކާގެ މި ޙަމަލާތަކަކީ ދެގައުމުގެ ގުޅުންތައް ހަރުދަނާކުރުމަށް އެޅިފައިވާ ވަރަށްބޮޑު ހުރަހެއް ކަމަށް ވެސް ނަވާޒް ޝަރީފު ސިފަކުރެއްވި އެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފު އިއްޔެ ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީއާ ބައްދަލުކުރައްވާފަ އެވެ. (ރޮއިޓާސް)