މެދުއިރުމަތީގައި އެމެރިކާ މިހާރު ގެންގުޅެން ފަށާފައިވާ ސިޔާސަތުތަކާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހޭކަން ފާޅުކޮށް އެމެރިކާއާ އެކު ބާއްވާ ގުޅުންތައް ހަނިކޮށް އެމެރިކާ އަށް ދޭ އެއްބާރުލުން ކުޑަކުރުމަށް ގަސްދުކޮށްފައިވާކަން ސަޢޫދީ އަރަބިޔާ އިން ހާމަކޮށްފި އެވެ.

އަރަބި ގައުމުތަކުގެ ތެރޭން އެމެރިކާ އަށް އެންމެ ބޮޑަށް ބަރޯސާކޮށް އަދި އެންމެ ގާތްގުޅުންތައް ބާއްވަމުންގެންދާ ސައޫދީ އަރަބިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާ އަލްއަމީރު ބަންދަރުބިން ސުލްތާން ވިދާޅުވީ މައިގަނޑު ހަތަރު ކަމަކާގުޅިގެން އެމެރިކާއާ މެދު ސަޢޫދީ އަރަބިޔާ ހިތްހަމަ ނުޖެހޭ ކަމަށާ މިއާގުޅިގެން އެމެރިކާގެ ސިޔާސަތުތަކަށް މިހާތަނަށް ސަޢޫދީން ދެމުން ގެންދިޔަ އެއްބާރުލުމާއި ތާއީދު ކުޑަކުރުމަށް މިހާރު ގަސްދުކޮށްފައިވާ ކަމުގަ އެވެ.

ސަޢޫދީގައި ތިއްބަވާ ހުޅަނގުގެ ޑިޕްލޮމޭޓުންނާ އިއްޔެ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ބަންދަރު ވިދާޅުވީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅު އެޅުމަށް އެމެރިކާ ފަސްޖެހުމާއި އީރާނާ ގާތްވުމަށް އެމެރިކާ މަސައްކަތްފަށާފައި ވުމާއި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އިސްރާއީލާ ދެކޮޅަށް އެއްވެސް ފިއްތުންތަކެއް ކުރުމަށް އެމެރިކާ ފަސްޖެހުމުގެ އިތުރުން ބަހްރައިންގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އެގައުމުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ސައޫދީ އަރަބިޔާ އަޅަމުންގެންދާ ފިޔަވަޅުތަކާ މެދު އެމެރިކާ ހިންހަމަ ނުޖެހުމަކީސައޫދީ ސަރުކާރަށް ގަބޫލު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމުގަ އެވެ.

ސައޫދީ ޖާސޫސީ އިދާރާގެ ވެރިޔާ ބަންދަރުބިން ސުލްތާނަކީ ސަޢޫދީ ރަސްގެފާނުގެ ޢަބްދުﷲ އަށް ބޮޑުބޭބެ ވިދާޅުވާ އަދި ސަޢޫދީ ކުރީގެ ވަލީއުލްޢަހްދު އަދި ދިފާޢީ ވަޒީރު ސުލްތާން ބިންޢަބްދުލްއަޒީޒުގެ ދަރިކަލެކެވެ. ސައޫދީ ކުރީގެ ރަސްގެފާނުގެ ފަހްދު ބިންޢަބްދުލްޢަޒީޒުގެ ވެރިކަމުގައި ބަންދަރަކީ ސައޫދީ ރަސްކަމުގެ ނިޒާމުގައި ބާރާއި ނުފޫޒުގަދަ ބޭފުޅެއް ނަމަވެސް މިހާރުގެ ރަސްގެފާނު ޢަބްދުﷲގެ ވެރިކަމުގައި އޭނާގެ ނުފޫޒުވަނީ ވަރަށް ބޮޑަށް ކުޑަވެގެންގޮސްފަ އެވެ. އެމެރިކާގައި ހުންނަވާ ސައޫދީ ސަފީރުކަމުގެ މަގާމުގައި 22 އަހަރު ހުންނެވި އިރު ބަންދަރަކީ އެމެރިކާ އަށް ތާއީދުކުރުމުގައި ސައޫދީ ސަރުކާރުން ގެންގުޅު "ލޯކަނު"އަދި ގޮނޑިކޮށްކޮ ސިޔާސަތުތަކާއި އީރާނާ ދިމާކޮށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެގައުމަށް ބިރުދެއްކުމުގައި އެމެރިކާއަށް ބާރުއެޅުމުގައި ސައޫދީން ގެންގުޅުނު ހަރުކަށި ސިޔާސަތުތަކުގެ އިސްމޭސްތިރި ކަމަށް ސިފަކުރެވިފައިވެ އެވެ.

އަދި ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލުމަށްޓަކައި އެމެރިކާ ސިފައިން ޢިރާޤަށް އެރުވުމަށް ސައޫދީ ސަރުކާރުން ދިން އެއްބާރުލުމުގެ އިސްމޭސްތިރިއަކީ ވެސް ބަންދަރުކަމަށް ވަނީ ބެލެވިފަ އެވެ. ސައޫދީ ޚާރިޖީ ކަންތައްތަކުގައި ބަންދަރުގެ ނުފޫޒު މާބޮޑަށް ގަދަވުމުގެ ސަބަބުން ޢަބްދުﷲގެ ރަސްކަމުގައި 2005 ވަނަ އަހަރު ބަންދަރު ވަނީ ސަޢޫދީ ޚާރިޖީ ސިޔާސަތުތަކާ ވަރަށް ދުރުގައި ބަހައްޓާފަ އެވެ. މިގޮތުން 2005 ން ފެށިގެން މިދިޔަ އަހަރާ ހަމައަށް ސައޫދީ ސަރުކާރުގެ އެއްވެސް މަގާމެއް އޭނާއާ ހަވާލުނުކޮށް ބެހެއްޓުމަށް ފަހު މިދިޔަ އަހަރު ޢަބްދުﷲ ރަސްގެފާނު ވަނީ ސަޢޫދީ ޖާސޫސީ އިދާރާގެ ވެރިކަން ބަންދަރާ ހަވާލުކޮށްފަ އެވެ.

އީރާން ވަނީ އެމެރިކާގެ ފިއްތުންތަކާއެކު ވެސް އެމެރިކާ އަށް ދޫނުކޮށް އަމިއްލަ ނަފްސުގެ މައްޗަށް ބަރޯސާކުރުމުގެ ހަރުދަނާ ގައުމީ ސިޔާސަތުތަކާގެން ކުރިޔަށް ގޮސް ނިއުކްލިޔާ ޓެކްނޮލޮޖީ އާއި ފަޒާގެ ޓެކްނޮލޮޖީއާއި އެނޫން ވެސް ސިނާޢީ ދާއިރާތަކުގައި އަމިއްލަ ފައިމައްޗަށް ތެދުވުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އަދިސައޫދީންނާއި ގަލްފުގެ ގައުމުތައް އެމެރިކާ އާއި ގުޅިގެން މެދުއިރުމަތީގައި ހަދާ ގޯސްތަކުން ފައިދާ ނަގައިގެން އެސަރަހައްދަށް ބާރާއި ނުފޫޒު ހިންގުމުގައި އީރާނުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އިރު އީރާން ވަނީ އެމެރިކާ އެގައުމަށް ސަމާލުވާންޖެހޭ ފަދަ ޢަސްކަރީ އަދި ޓެކްނޮލޮޖީގެ ސަރަހައްދީ ބާރަކަށް ވުމުގައި ވެސް ކާމިޔާބު ހޯދާފަ އެވެ.

އަރަބި ރަބީއާއެކު ބަދަލުވަމުން ދިޔަ މެދުއިރުމަތީގެ ކޮންޓްރޯލް އަލުންހޯދުމަށް ޓަކައި މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ސަރުކާރު ވައްޓާލުމުގައި ސައޫދީންގެ އެހީތެރިކަމާއި އެއްބާރުން އެމެރިކާއަށް ލިބުނުއިރު ދެން މެދުއިރުމަތީގައި އެމެރިކާ އަށް އޮތް ގޮންޖެހުމަކީ އީރާން ކަމަށްވުމުން އެމެރިކާ ވަނީ އީރާނާ ސުލްހަވުމުގެ ސިޔާސަތެއް ގެންގުޅެންފަށާފަ އެވެ. އީރާނަށް ދޫދިނުމުގެ ސިޔާސަތެއް އެމެރިކާ ގެންގުޅެން ފަށާފައި ވަނީ އީރާނަކީ އެމެރިކާ ބުނާހާގޮތެއް ނުހަދާނެ އަދި މުޅިން އަމިއްލަވަންތަ ގައުމީ އެޖެންޑާއެއް ގެންގުޅޭ ގައުމެއްކަން އެމެރިކާއަށް ކަށަވަރުވާތީ އެވެ. ސައޫދީންގެ ފަރާތުން ލިބޭފަދަ ދޫތައް އީރާނުގެ ކިބައިން ނުލިބޭނެ ކަމާއި އީރާނަކީ ސަރަހައްދީ ބާރަކަށްވެފައި އީރާން އެދޭގޮތަކަށް މުޢަމަލާތްކޮށްގެން މެނުވީ އެމެރިކާ އަށް މެދުއިރުމަތީގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތް ނުވެވޭނެތީ އެމެރިކާ ވަނީ އީރާނަށް ދޫދީ އެގައުމާ ގާތްވާން ފަށާފަ އެވެ.

އީރާނާދެކޮޅަށް އެމެރިކާ ގެންގުޅުނު ހުރިހާ ސިޔާސަތުތަކެއް ފޭލްވެ އެކަމުގެ ނާޖާއިޒު ފައިދާ ވަރަށް ވިސްނުންތެރި ގޮތެއްގައި އީރާން ނަގާފައި ވުމުންނާއި ހަނގުރާމައިގެ ބިރުދެއްކުމުން ވެސް އީރާން ގުޑުވާލެވިފައިނުވާތީ އިރާޤާއި އީރާނާއި ލުބްނާން އީރާނުގެ ނުފޫޒުގެ ދަށަށް ގޮސްފައި ވާތީ އީރާނަށް ދޫދީ އީރާނާ ގާތްވުންނޫން ގޮތެއް އެމެރިކާ އަށް މިހާރު ނެތްކަމަށް ތަޖްރިބާކާރުން ދެކެ އެވެ. މިކަން ވެގެންދިޔައީ އީރާނާ ވާދަވެރި ސައޫދީ އަރަބިޔާއަށާއި ގަލްފުގެ ކުދި ގައުމުތަކަށް އެގައުމުތަކުގެ ބާރުނެތްކަމާއި އެގައުމުތަކުގެ އަސްލު ސައިޒް އިހްސާސް ވެގެންދިޔަ ކަމެއް ކަމަށާ ސައޫދީން އެމެރިކާއާ ދުރުވުމަށް ނިންމީ މިކަމުގެ ސަބަބުން ކަމަށާ ނަމަވެސް އެމެރިކާއާ ދުރުވުމަކީ އަމަލީގޮތުން ސައޫދީ އަރަބިޔާ އަށް ކުރެވޭނެ ކަމެއްނޫން ކަމަށް މުހައްލިލުން ދެކެ އެވެ.

އީރާނުގެ ޢަސްކަރީ ބާރާއި ނުފޫޒުގެ ބޮޑުކަމުން އެސަރަހައްދުގައި އެމެރިކާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އީރާނާ ގުޅިގެންނޫން ގޮތަކަށް ކުރިޔަށް ދެވެން ނެތުމުން އީރާނާގާތްވުމަށް އެމެރިކާ ނިންމާފައި ވާނީ ސްޓްރެޓީޖިކް ގޮތެއްގައި ކަމަށް މުޙައްލިލުން ސިފަކުރެ އެވެ. އީރާނާ ޚިލާފަށް ސައޫދީ އަރަބިޔާއަކީ އެގައުމުގެ ޝާހީ ޢާއިލީ ވެރިކަން ހިމާޔަތް ކުރުމަށް ޓަކައި އެމެރިކާ އަށް ލޯފަން ތާއީދެއް ކުރަމުން ގެންދިޔަ ގައުމެއް ކަމަށްވެފައި ތެޔޮނޫން އެއްޗެއް ސައޫދީގައި ނެތިފައި އެމެރިކާގައި މިހާރު އާދަޔާ ޚިލާފަށް ތެޔޮއުފައްދަން ފަށާފައިވުމުން އެމެރިކާގެ ގައުމީ މަސްލަހަތުގައި ސައޫދީންގެ ދައުރު ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފައިވާ ކަމަށް ވެސް މިފަރާތްތަކުން ދެކެ އެވެ.
އެމެރިކާގެ ސިޔާސަތުތަކާ މެދު ހިންހަމަ ނުޖެހުން ހާމަކުރުމުގެ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަން ގަބޫލު ނުކުރުމަށް ދާދިފަހުން ސައޫދީން އެޅި ފިޔަވަޅުތަކަށް ވެސް އެމެރިކާ މާބޮޑު ސަމާލު ކަމެއް ދީފައެއްނުވެ އެވެ. (ނޫސްއެޖެންސީތައް)