23 Oct 2013, 09:08
ރާއްޖެ އަށް ޓޫރިސްޓުން އަންނަނީ މައިގަނޑު ތިން ހަތަރު ސަބަބަކާ ހެދި އެވެ. އެއްބަޔަކު ހަނީމޫނަށް އަންނައިރު ސްޕާގެ ހިދުމަތްތައް ހޯދަން އަންނަ މީހުންގެ އަދަދު ވެސް މަދެއްނޫނެވެ. އެކަމަކު އަދިވެސް އެންމެ ގިނަ ބަޔަކު އަންނަން ބޭނުން ވަނީ ރާއްޖޭގެ ހިތްގައިމު ރިސޯޓެއްގައި އެ މީހުންގެ ހަނީމޫން ހޭދަކޮށްލުމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން މި އަހަރުގެ ކުރީކޮޅު ހަދާފައިވާ ވިޒިޓާސް ސާވޭގެ ހޯދުންތައް ދައްކާ ގޮތުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ތެރެއިން 23 ޕަސެންޓް މީހުން އަންނަނީ ހަނީމޫނަށެވެ. އަދި 22 ޕަސެންޓް މީހުން ބުނަނީ އެ މީހުން ރާއްޖެ އަންނަނީ ހެލްތު އެންޑް ވެލްނަސް (ސްޕާގެ ހިދުމަތް) ހޯދަން ކަމަށެވެ. ނަވާރަ ޕަސެންޓް މީހުން ޑައިވިން އަށް އަންނައިރު 17 ޕަސެންޓް މީހުން އަންނަނީ ރާއްޖޭގައި އަރާމްކޮށްލައި ޗުއްޓީ ހޭދަކޮށްލުމަށެވެ.
ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ރާއްޖެ އަށް ޓޫރިސްޓުން އަންނަ ބޭނުން މިހާރުގެ މާހައުލާ ގުޅޭ ގޮތަށް ބަދަލުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.
"ފެށުނީއްސުރެ ވެސް ގިނަ ބަޔަކު ރާއްޖެ އަށް އަންނަނީ ހަނީމޫން ހޭދަކޮށްލަން. ނަމަވެސް ދެވަނަ އަށް މީގެ ކުރިން ގިނަ މީހުން އަންނަނީ ޑައިވިން އަށް. އެކަމަކު މިހާރު އެކަން މަޑުމަޑުން ބަދަލުވަމުން މިއަންނަނީ. ސްޕާގެ ހިދުމަތް ރާއްޖޭގެ ރިސޯޓުތަކުގައި ފުޅާވަމުން އަންނާތީ އެ ހިދުމަތް މިހާރު ވަނީ މުޅި ދުނިޔެ އަށް ވެސް މަޝްހޫރުވެފައި،" އޭނާ ވިދާޅުވި އެވެ.
އެ ތަޖުރިބާކާރު ވިދާޅުވީ މި ސަރަހައްދުގައި ވެސް ރާއްޖެއަކީ އެއްވަނަ ހަނީމޫން މަންޒިލްގެ ގޮތުގައި އަބަދުވެސް ދެމި އޮތުމަށް މަސައްކަތްކުރަމުން އަންނަ ގައުމެއް ކަމަށެވެ. އެގޮތުން އެއް ވަނަ ހަނީމޫން މަންޒިލްގެ ގޮތުގައި ބައިނަލްއަގުވާމީ އެތައް އެވޯޑެއް ޖެހިޖެހިގެން އެތައް އަހަރަކު ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ ވަރަށް ގިނަ ރިސޯޓުތަކުން ވެސް ކޮންސެޕްޓް ތައްޔާރުކޮށްފައި ވަނީ ހަނީމޫން އަށާއި ސްޕާއަށް. ޑައިވިން އަށް މިހާރު ބޮޑަށް އިސްކަންދެނީ ސަފަރީތަކުން. ނަމަވެސް ބައެއް ރިސޯޓްތައް އެބަހުރި ޒަމާނުއްސުރެ ފެށިގެން ޑައިވިންއަށް ހާއްސަކޮށްފައިވާ،" އެ ބޭފުޅާ ވިދާޅުވި އެވެ.
ޓޫރިޒަމް އިންޑަސްޓްރީގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ތެރެއިން އެންމެ ރަނގަޅު އާމްދަނީއެއް ވެސް ލިބެނީ ހަނީމޫނަށް އަންނަ ގެސްޓުންގެ ފަރާތުންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ހިނގާ ހަރަދަށް ވުރެ ބޮޑަށް އިސްކަންދެނީ ހަނީމޫން އުފާވެރިކަމާ އެކު ހޭދަކުރަން ކަން އިންޑަސްޓްރީން ފާހަގަކުރެ އެވެ.
"ހަނީމޫނަށް އަންނަ ގިނަ ގެސްޓުން ތިބެނީ މުށް ހުޅުވާލައިގެން. އެ މީހުން ބަލާނީ އެންމެ އަގު ބޮޑު ހިދުމަތްތައް ހޯދަން. އެހެންވުމުން ރިސޯޓަށް ލިބޭ ފައިދާ ވަރަށް ބޮޑަށް އިތުރުވެގެންދޭ. އަދިވެސް ރާއްޖެ ބޮޑަށް އިސްތިހާރުކުރަންވީ ހަނީމޫން މަންޒިލެއްގެ ގޮތުގައި،" މާލެ ކައިރި ރިސޯޓެއްގެ މެނޭޖަރު ވިދާޅުވި އެވެ.
ރާއްޖެ ދުނިޔެ އަށް މަޝްހޫރުވެފައި ވަނީ ވެސް ހަނީމޫން މަންޒިލެއްގެ ގޮތުގަ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު ރާއްޖޭގައި ހަނީމޫން ހޭދަކޮށްލަން އުއްމީދުކުރެ އެވެ.
"އަޅުގަނޑުމެން ފެއާތަކަށް ދާއިރު ދަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން އެތަނަށް އަންނަ މީހުން ކުރާ ސުވާލުތަކަށް ޖަވާބުދޭން. ވަރަށް ގިނަ ބަޔަކު ބުނާނެ އަގެއް ނޫނޭ މުހިންމީ ފަސޭހައިން ބުކިންސް ހެދޭނެ ގޮތެކޭ މުހިންމީ. އަޅުގަނޑުމެންނާ ދިމާވާ މީހުންގެ ތެރެއިން ވެސް ގިނަ މީހުން ބޭނުން ވަނީ ހަނީމޫނަށް އަންނަން،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 70 ޕަސެންޓް މީހުންނަކީ އަލަށް ރާއްޖެ އަށް އަންނަ މީހުންނެވެ. އަދި 29 ޕަސެންޓް މީހުންނަކީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ރާއްޖެއައިސްފައިވާ މީހުންކަން އެ ސާވޭގައި ފާހަގަކޮށްފައިވެ އެވެ.
އެ ސާވޭއިން ދައްކާ ގޮތުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ތެރެއިން ގިނަ މީހުން 5،000 ޑޮލަރު ހަރަދުކުރެ އެވެ. އަދި އިނގިރޭސިވިލާތާއި ޗައިނީސް، ޖަރުމަން، ރަޝިއަން އަދި އިޓަލީ މީހުން 5،000 ޑޮލަރަށް ވުރެ ގިނައިން ރާއްޖޭގައި ހޭދަކުރެ އެވެ.
ޓޫރިޒަމް އިންޑަސްޓްރީ ތަރައްގީކޮށް އިތުރަށް ފުޅާކުރުމުން ރާއްޖެ އަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެކަން ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިއަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު ހަތަރު ރިސޯޓެއް އަލަށް ހުޅުވާނެ އެވެ. އަދި އެއާއެކު ގާތްގަނޑަކަށް 700 އެނދު އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ޓޫރިޒަމް މިހާރު ހުރި މިސްރާބު ދައްކާ ގޮތުން މިއަހަރުގެ ނިޔަލަށް 1.4 މިލިއަން ޓޫރިސްޓުން އަންނާނެ. މިހާރު ވަނީ އަށް ލައްކައަށް ވުރެ ގިނަ މީހުން ރާއްޖެ އައިސްފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ މަގުބޫލް ހަނީމޫން އެއް މަންޒިލްގެ ގޮތުގައި ދެމިއޮތުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފަ އެވެ. އެގޮތުން ރާއްޖެއަކީ ޓޫރިސްޓުންނަށް އަމާން ތަނެއްގެ ގޮތުގައި ދެއްކުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އަދި ޓޫރިޒަމް މިހާރަށް ވުރެ ބޮޑަށް އިސްތިހާރުކޮށް، ގިނަ ބައެއް ހިތްދަމައިގަތުމަށް މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފަ އެވެ.