ފުލުހުން ދެކެ އެމްޑީޕީ ބިރެއް ނުގަންނާނެ ކަމަށާއި ފުލުހުންގެ ތެރެއިން ނުކިޔަމަންތެރިކަން ދައްކާ ކުދިންކޮޅު ހަންމަތަ ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
~
ކާނިވާ ސަރަހައްދުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ފުލުހުންގެ ތެރެއިން ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ "ކުދިންކޮޅެއް" އެބަތިބި ކަމަށާއި އެ ކުދިން ހަންމަތަ ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހިންގަންޖެހޭ ކަމަށެވެ.

"އަބްދުﷲ ރިޔާޒު ވިދާޅުވީ ދިވެހި ފުލުހުންނަކީ ދިވެހި ރައްޔިތުން ބިރު ގަންނަ މުއައްސަސާއަކަށް އެބޭފުޅާ ހައްދަވާނަމޭ. ނޫން. އަޅުނގަޑުމެން ނެތް ބިރެއް ނުގަންނާނެ. އަޅުނގަޑުމެން ފަހަތަކަށް ނުޖެހޭނެ. ފުލުހުންގެ ތެރެއިން ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ އެތިބި ކުދިންކޮޅު ހަންމަތަ ކުރަންޖެހޭ. އެ ކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހިންގަން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ދައުވާ ކުރަންޖެހޭނެ ކަމަށާއި ރިޔާޒުގެ މައްޗަށް ދައުވާ ނުކުރެވޭނަމަ ޕީޖީ އިސްތިއުފާ ދެއްވުމަށް ނަޝީދު ގޮވާލެއްވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި ފުލުހުންނަށް ފާޑުވިދާޅުވަމުން ވާހަކަފުޅު ދެއްކެވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖެގައި ރައްޔިތުންގެ ސަރުކާރެއް އެކުލަވަލައިގެން މެނުވީ، ތަރައްގީއެއް ނާންނާނެ ކަމަށާއި ތަރައްގީގެ އެންމެ މުހިއްމު ވަސީލަތަކީ އިންތިހާބާއި ވޯޓުގެ ހައްގު ކަމަށެވެ.

"ތަރައްގީގެ އެންމެ މުހިއްމު ވަސީލަތަކީ އިންތިހާބު، ވޯޓުގެ ހައްގު. ރައްޔިތުންގެ ރުހުމާއި ރައްޔިތުންގެ އެދުމާއި އެކީގައި އެކުލަވާލެވިގެން މެނުވީ މި ދިވެހި ރާއްޖެއެއް ތަރައްގީއެއް ނުވާނެ،" 'ވޯޓުން ވެރިކަން' ނަމުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ ހިތުގައި މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ އިންތިހާބެއް އޮންނާނީ ކޮން ތާރީހެއް ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އިންތިހާބު ބޭއްވޭތޯ ވަރަށް މަސައްކަތް ކުރެއްވިއްޖެ ކަމަށެވެ. އެގޮތުން ގާނޫނު އަސާސީ ކަނޑައަޅާފައިވާ ތާރީހުތަކުގައި ވެސް ގާނޫނުން އަސާސީގެ ބޭރުން ވެސް އިންތިހާބު ބޭއްވޭތޯ މަސައްކަތް ކުރެއްވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވާ އެހެން ޕާޓީތަކުން އިންތިހާބަށް ހުރަސް އަޅުއްވަމުން ގެންދަވަނީ އެބޭފުޅުން ދުވަހަކު ވެސް އިންތިހާބެއްގައި ވާދަކުރައްވާފައި ނުވާތީ ކަމަށެވެ. އަދި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގު 30 އަހަރުގެ ވެރިކަމުގައި ވެސް އިންތިހާބަކާއި ކުރިމަތިލައްވާފައި ނުވާކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުނގަޑުމެންގެ ވާދަވެރިން އިންތިހާބަށް ހުރަސް އަޅަމުން އެގެންދަވަނީ، އެބޭފުޅުންނަކީ ދުވަހަކު ވެސް އިންތިހާބެއްގައި ބައިވެރިވެވަޑައިގަތް ބޭފުޅުންނެތް ނޫން. އެބޭފުޅުންނަކީ ވޯޓަކާ ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ބޭފުޅުން ނެތް ނޫން. ޑިމޮކްރެޓިކް ސަގާފަތަކަށް ބޯލަބަން ބޭނުންފުޅުވާ ބޭފުޅުންނެތް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް މައުމޫން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ވަހީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުންކޮށްގެން ވެސް އިންތިހާބަށް ހުރަސް އެޅުމަށް ކަމަށް ވިދާޅުވެ، ރައީސް މައުމޫން ކިތަންމެ ވަރަކަށް ރައީސް ވަހީދު ވެރިކަމުގައި ބަހައްޓަވަން ބޭނުންފުޅުވިޔަސް އެކަމެއް ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސް މައުމޫން ފަހަތަށް ޖެހިވަޑައިގަތުމަށް ނަޝީދު ވަނީ މިރޭގެ ޖަލްސާގައި ގޮވާލައްވާފަ އެވެ.