22 Oct 2013, 23:03
ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާ ހަތަރު މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުން ހޯދަމުންދާ ހަތަރު މީހުންނަކީ ގއ.މާމެންދޫ ވަގުތީމަންޒިލް މުހައްމަދު ފައިސަލް،24، އާއި ގއ.ކޮލަމާފުށި އަސަރީގެ މުހައްމަދު ފަޒީލް،36، އާއި ވ.ފެލިދޫ މިދިލިމާގޭ އިބްރާހީމް ނާޖިހު،25، އަދި މއ.ހަނީސަކްލް ހުސައިން ޝިފާއު،28، އެވެ.
އެ ހަތަރު މީހުން ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ އެ މީހުންގެ ތެރެއިން ފައިސަލްއާ ފަޒީލް ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީ ކަމަށެވެ. އަދި ނާޖިހު ހޯދަމުން ދަނީ އެ ކޯޓަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ މައްސަލައަކާއި ބަނގުރާ ގެންގުޅުމުގެ މައްސަލައަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޝިފާއު ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޗެކް ބައުންސް މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ. ރާއްޖޭގެ ރަށަކުން ނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށެއްނަމަ އެރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް މި އެ މީހުންގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ފޯރުކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އެ މީހުންނާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައި ޔަގީންކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ދީފަ އެވެ. އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އަދާކޮށްފަ އެވެ.