ހުޅުމާލޭ ފަޅުތެރޭގައި މިއަދު މެންދުރު ދެ ސަފާރީ ޖެހި އެކްސިޑެންޓެއްވެ، ދެ އުނޅަދަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.

މެންދުރުފަހު 3:00 ޖަހާކަންހާއިރު ހިނގި އެ އެކްސިޑެންޓްގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ޗާޓާސް މޯލްޑިވްސްގެ "އެނެސްތޭޝިއާ" އަށެވެ.

ސަންއަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބޯޓުގެ ވާތްފަރާތުގައި ޖެހިފައި ވަނީ ޔޯ މޯލްޑިވްސް އިން އޮޕަރޭޓްސް ކުރާ "ލިއޯ" އެވެ.

ލިއޯގެ ފަރާތުން ވާހަކަދެއްކި ބޭފުޅަކު ވިދާޅުވީ އެ ބޯޓު ގޮސް ޖެހުނީ ހުޅުމާލޭ ފަޅުތެރޭގައި ނަގިލި އަޅަން އުޅެނިކޮށް ކަމަށެވެ.

"ނަގިލި ނަގަން އުޅެނިކޮށް ގޮސް ބޯޓުގެ ދިރުނބާކޮޅު ގޮސް އެ ބޯޓުގެ ވާތްފަރާތުގައި ޖެހުނީ. ދެ ބޯޓަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުންވި،" އޭނާ ވިދާޅުވި އެވެ.

އެ ހާދިސާ ހިނގިއިރު ދެ ބޯޓުގައި ވެސް އެއްވެސް ޓޫރިސްޓަކު ނެތް ކަމަށް އެނގިފައިވެ އެވެ. އަދި އެ ހާދިސާގައި އެކްސިޑެންޓްވި ދެ ބޯޓު ވެސް އިންޝުއާ ކޮށްފައި ކަމަށް އެނގިފައިވެ އެވެ.

ލިވާބޯޑު އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ހަމީދު (އިއްސެ) ވިދާޅުވީ މިފަދަ ހާދިސާތައް ހިނގަނީ މާލެ ސަރަހައްދުގައި ސަފާރީތަކަށް ރައްކާތެރި ބަނދަރެއް ނެތުމުން ކަމަށެވެ.

"އަޅުގަނޑުމެން ކެނޑިނޭޅި އެދެމުން އަންނަ ކަމެއް ސަފާރީތަކަށް ހާއްސަ ބަނދަރެއް އޮތުމަކީ. ނަމަވެސް މިހާތަނަށް އެކަމަށް އަލިމަގެއް ނުފެނި މިދަނީ،" އޭނާ ވިދާޅުވި އެވެ.