22 Oct 2013, 21:35
އަންނަ މަހު 9ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ "ޓައިމް ފްރޭމް" ނުވަތަ ކަލަންޑަރު އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާންކޮށްފި އެވެ.
އެ ކަލަންޑަރުގައިވާ ގޮތުން މިއަދު އާންމުކުރި ވޯޓާސް ލިސްޓް މިއަދު ކެންޑިޑޭޓުންނަށް ފޮނުވުން ހިމެނެ އެވެ. އަދި ވޯޓާސް ރަޖިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި ޝަކުވާތަކަށް ޖަވާބު ދޭން ފެއްޓުން ހިމެނެ އެވެ. އަދި ޝަކުވާގެ ނިޒާމު ގާއިމު ކުރުމާ އެކު ބަހައްޓާ ވޯޓު ފޮށީގެ އަދަދާއި ތަންތަން ކަނޑައަޅައި އިއުލާން ކުރުމަށް ވެސް ނިންމާފައި ވަނީ މިއަދު އެވެ.
ކަލަންޑަރުން މާދަމާ އަށް ހާއްސަކޮށްފައި ވަނީ ވޯޓާސް ރަޖިސްޓްރީ އަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ޖަވާބުދީ ނިންމުމާ އެކު ޖަވާބުދީ ނިންމުމާ އެކު ލިސްޓް އިސްލާހު ކުރުމަށް ކަނޑައަޅާފައި ވަނީ ވެސް މާދަމަ އެވެ. އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލުމަށް ވެސް ކަނޑައަޅާފައި ވަނީ މާދަމަ އެވެ.
ބުރާސްފަތި ދުވަސް ހާއްސަކޮށްފައި ވަނީ ޑީއެންއާރުން ހޯދާފައިވާ ވޯޓްލާ މީހުންގެ ރަޖިސްޓްރީ އިސްލާހުކޮށް ފައިނަލް ލިސްޓް އާންމު ކުރާ ދުވަސް ކަމަށެވެ. އޮބްޒާވަރުން މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ލިސްޓް ހޯދުމުގެ މަސައްކަތް ކުރުމާއި އެ ފަރާތްތަކުގެ ލިސްޓް އެއްކޮށްލުމުގެ މަސައްކަތް ކުރުމަށް ވެސް ކަނޑައަޅާފައި ވަނީ ބުރާސްފަތި ދުވަހަށެވެ.
ހުކުރު ދުވަހުސް ހާއްސަކޮށްފައި ވަނީ ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތަށް ހުޅުވާލުމަށް ކަނޑައަޅާ ދުވަސް ކަމަށެވެ. އަދި އެއީ އެކަމަށް ކަނޑަޅާ އެންމެ ފަހު ދުވަސް ވެސް މެ އެވެ. ރިޖެކްޓްވާ ފޯމްތައް އަލުން ހުށަހެޅުމަށް ފުރުސަތު ދިނުމަށް ކަނޑައަޅާފައި ވަނީ ހޮނިހިރު ދުވަހު އެވެ. އޮފިޝަލުންގެ ފައިނަލް ލިސްޓް ކެންޑިޑޭޓުންނަށް ހުށަހެޅުމަށް ކަނޑައަޅާފައި ވަނީ ވެސް ހޮނިހިރު ދުވަހު އެވެ.
އަތޮޅުތަކަށް ކުރާ ކަނޑު ދަތުރުގެ އެއްބަސްވުމުގައި އެމްއެންޑީއެފާ އެކު ސޮއި ކުރުމަށް ކަނޑައަޅާފައި ވަނީ އަންނަ އާދީއްތަ ދުވަހަށެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ކާޑު ދޫކުރުމަށް ނިންމާފައި ވަނީ، ކަލަންޑަރުގައިވާ ގޮތުން އަންނަ ހޯމަ ދުވަހު އެވެ.
އަންނަ ބުދަ އަދި ބުރާސްފަތި ދުވަސް ހާއްސަކޮށްފައި ވަނީ ވޯޓާސް ފައިނަލް ލިސްޓް އެކުލަވާލައި ނިންމުމަށެވެ.
ނޮވެމްބަރު މަހު 1 ވާ ހުކުރު ދުވަސް ހާއްސަކޮށްފައި ވަނީ އާންމުންނާއި ޕާޓީތަކަށް ފައިނަލް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ދުވަސް ކަމަށެވެ. ފައިނަލް ވޯޓާސް ލިސްޓަށް އާންމުންނާއި ޕާޓީތަކަށް ޝަކުވާ ހުށަހެޅުމުގެ ފަހު ދުވަސް ކަމަށް ކަނޑައަޅާފައި ވަނީ އަންނަ މަހު 2 ވާ ހޮނިހިރު ދުވަހެވެ. ޝަކުވާތައް އެކޮމަޑޭޓްކޮށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށް ކަނޑައަޅާފައި ވަނީ ވެސް އެ ދުވަހު އެވެ.
ޝަކުވާ ހުށަހަޅާފައިވާ ރީ ރަޖިސްޓްރޭޝަން ފޯމްތަކުގައިވާ ފިންގާ ޕްރިންޓް ޑީއެންއާރަށް ފޮނުވައިގެން ވެރިފައި ކުރުމަށް ނިންމާފައި ވަނީ އެ މަހު 3 ވާ އާދިއްތަ ދުވަހު އެވެ.
އެ މަހުގެ 4 ވަނަ ދުވަސް ހާއްސަކޮށްފައި ވަނީ ފައިނަލް ވޯޓާސް ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށް އިސްލާހު ގެނެސް، "ފައިނަލް އެލިޖަބަލް ފިގާސް" އައިއެސް ކޯޑިނޭޝަން ސެކްޝަނާ ހަވާލު ކުރާ ދުވަސް ކަމަށެވެ.
ފައިނަލް ވޯޓާސް ލިސްޓް ކެންޑިޑޭޓުންނަށް ފޮނުވުމަށް ކަނޑައަޅާފައި ވަނީ ނޮވެމްބަރު، 5، އަންގާރަ ދުވަހު އެވެ.
ވޯޓާސް ރަޖިސްޓްރީގައި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ސޮއި ކުރަން ފަށަން ޖެހެނީ އަންނަ މަހު 6 ވަނަ ދުވަހު އެވެ. އަދި ވޯޓާސް ލިސްޓްގައި އެ ބޭފުޅުން ސޮއި ކުރައްވައި ނިންމުމަށް ކަނޑައަޅާފައި ވަނީ އެ މަހު 7 ވަނަ ދުވަހު އެވެ.