30 Nov 2010, 08:13
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅުދުންތެރިކަން ހުންނަ މީހުންނާ ބެހޭ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި މި އަހަރު ރާއްޖޭގައި ފާހަގަކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖެންޑާ އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޑިސެންބަރު 3 ފާހަގަ ކުރުމަށް ޖެންޑާ ޑިޕާޓްމަންޓާއި ޑިސްއެބިލިޓީ ކައުންސިލް އަދި ޖަމިއްޔާތައް ގުޅިގެން އެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ނުކުޅެދުން ތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި، ހުކުރު ހުތުބާ ނުކުޅެދުންތެރިކަން ހުންނަ މީހެއް ލައްވައި ކިޔުވުމާއި ބައެއް ޓީވީތައް މެދުވެރިކޮށް އެ ދުވަހާ ގުޅޭ ކަންތައްތަކުގެ މައުލޫމާތު ދިނުމާއި ދިވެހި ޤައުމީ ލަވައަށް ސައިން ލެންގުއޭޖް ތައާރަފްކޮށް އަންނަ ހުކުރު ދުވަހުން ފެށިގެން އެގޮތަށް އެލަވަ ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި އެ ދުވަހު މާލޭގައި ހިނގާލުމެއް ބޭއްވުމަށާއި އެދުވަހާއި ގުޅިގެން އިމާދުއްދީން ސްކޫލްގައި އައިލީ ހަވީރެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށްވެސް ޖެންޑަ ޑިޕާޓްމަންޓުން ބުނެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ވާތީއާއި އެމީހުންނަކީ އުފާތަކުން މަހްރޫމްވެ އެމީހުންގެ ހައްގުތައް ގެއްލިފައިވާ ބަޔަކަށް ނުހެދުމަށާއި އެހެން މީހުންގެ ސަމާލުކަމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިހްސާސްތައް ގެނައުން ކަމަށްވެސް އެޑިޕާޓްމަންޓުން ބުނެ އެވެ.