22 Oct 2013, 21:12
މިދިޔަ ހޮނިހިރު ދުވަހު ބާއްވަން އުޅުނު އިންތިހާބު ފުލުހުން ހުއްޓުވި ކަމަށާއި ފުލުހުން އެގޮތަށް އަމަލުކޮށްފައި ވަނީ "މުއައްސަސާގެ އަމިއްލަ ހައިސިއްޔަތުން ނޫން ކަމަށާއި ފުލުހުންގެ މައްޗަށްކޮށްފައިވާ އޯޑަރެއްގެ ދަށުން ކަމަށް" ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އަހްމަދު ޝަފީއު ވިދާޅުވި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އިންތިހާބު ހުއްޓުވި ކަމަށް އެޗްއާރްސީއެމުން ބުނެފައި ވާތީ، ފުލުހުން ހިލާފުވީ ކޮން ގާނޫނަކާތޯ ސާފުކޮށްދިނުމަށް އެޗްއާރުސީއެމްގައި އެދުމުން އެ މުއައްސަސާއަށް އެޗްއާރްސީއެމުން މިއަދު ފޮނުވި ސިޓީގައި ފުލުހުން ހިލާފުވި ގާނޫތަކާއި މާއްދާތައް ބުނެދީފައިވެ އެވެ.
ސިޓީގައިވާ ކަންތައްތައް ބަޔާންކޮށް އެޗްއާރްސީއެމުން މީޑިއާތަކަށް ފޮނުވި ލިޔުމެއްގައި ވަނީ އިންތިހާބު ހުއްޓުވި މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ފުހުންނާ ނުގުޅުމުން ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އަހްމަދު ޝަފީއުއަށް ފޯނުން ގުޅުމުން "ފުލުހުން އަމަލުކޮށްފައި ވަނީ މުއައްސަސާގެ އަމިއްލަ ހައިސިއްޔަތުން ނޫން" ކަމަށާއި "ފުލުހުންގެ މައްޗަށްކޮށްފައިވާ އޯޑަރެއްގެ ކަމަށް" ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުންގެ މައްޗަށް އަމަލު ކުރީ ކޯޓަކުން ކަމެއް، އަދި ކާކު ކަމެއް ޝަފީއު ވިދާޅެއްނުވެ އެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އެޗްއާރްސީއެމްގެ މުވައްޒަފަކު ގޮސް އެތަން މޮނީޓާ ކުރި ކަމަށާއި އެ ގޮތުން އެ ކޮމިޝަނުން ބެލި ބެލުމުން އީސީގެ ބޭރަށް އެއްޗެހި ނެރުން ހުއްޓުވާފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ. އެކަމާ ގުޅޭ ގޮތުން އީސީގެ ސެކެޓްރީ ޖެނަރަލާއި ފުލުހުންގެ ބައެއް ފަރާތްތަކުން މައުލޫމާތު ސާފު ކުރި ކަމަށެވެ.
އެޗްއާރްސީއެމަށް ފުލުހުންގެ ފަރާތުން ކަނޑައަޅުއްވާފައިވާ ފޯކަލް ޕޮއިންޓާ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ތޮލާލު "އެތަކެއް ފަހަރުމަތިން" ގުޅުއްވާފައިވާއިރު އެ ފަރާތުން އެ ކޮމިޝަނަށް އިޖާބައެއް ދީފައި ނުވާ ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުން ފޮނުވި ޓެކްސް މެސެޖަށް ވެސް ފުލުހުންގެ ފަރާތުން އިޖާބަދެއްވީ ހޮނިހިރު ދުވަހުގެ ރޭ 11:45 ކަމަށާއި ފުލުހުންގެ ބަހެއް އެކަމުގައި ހޯދަން އުޅެ ނުލިބިފައިވާ ކަމަށް އެމްޗާސީއެމުން ބުންޏެވެ.
އެޗްއާރްސީއެމުން އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ލިބިގެންދިޔައީ ހޮނިހިރު ދުވަހުގެ ހެނދުނު 9:30ގައި ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސުން ކަމަށް އެޗްއާރްސީއެމުން މީޑިއާތަކަށް މިއަދު ފޮނުވި ލިޔުމުގައިވެ އެވެ.
"އިންސާނީ ޙައްޤަކަށް އަރާގެންފި ނަމަ އެކަން ލަސްނުކޮށް ހާމަކުރުމަކީ މި ކޮމިޝަންގެ ޒިންމާތަކުގެ ތެރެއިން ޒިންމާއެއްކަމާއި އިންސާނީ ޙައްޤެއް ނުވަތަ ޙައްޤުތަކެއް ނިގުޅައިގެންފިކަން މި ކޮމިޝަނަށް ކަށަވަރުވެއްޖެ ހިނދެއްގައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ތަޙްޤީޤްކުރުމުގެ އިތުރުން މި ކޮމިޝަނުން ކުރަންޖެހޭ ކަމެއްކަމާއި، ތަޙްޤީޤީ އިޖުރާޢަތުތައް ފުރިހަމަ ކުރުމުގެ ކުރިންނާއި އަދި އިންސާނީ ޙައްޤެއް ނިގުޅައިގެންފިނަމަ އެފަދަ ފަރާތްތައް ޒިންމާދާރުކުރުވުމުގެ ގޮތުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ ކުރިންވެސް ކޮމިޝަނުން އެކަމެއްގައި ދެކޭގޮތް އާންމު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މި ކޮމިޝަނަށް ލާޒިމް ކަމެއްކަން ސިޓީގައި ފާހަގަކޮށްފައިވާނެއެވެ،" އެޗްއާރްސީއެމުން މިއަދު އާންމު ކުރި ހަ ސަފްހާގެ ބަޔާނުގައި ބުނެފައި އެވެ.