މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނިކޮށް ފުލުހުން އެކަމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތަފްސީލުތައް އަންގައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މަޖިލީހުގައި އެދިއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގާނޫނުއަސާސީއައީ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިމުން ބޭރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެރިންގެ އަމުރަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށާއި އެކަން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކުށްވެރިކުރާ ކަމަށެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ޑައިރެކްޓްރޭޓް ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު ސޮއިކުރައްވައި ރައްޔިތުންގެ މަޖުލީހުގެ ރައީސް އަބްދުﷲ ޝާހިދަށް މިއަދު ފޮނުއްވި ސިޓީގައި އެ ނޫސްބަޔާނުގައި ފުލުހުންނާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތަފްސީލުތައް ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

އެ ސިޓީގައި ބުނެފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން މަސައްކަތް ކޮށްފައި ވަނީ ގާނޫނު އަސާސީއާއި ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކާއި ގާނޫނުތަކުގެ އިތުރުން ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ދައުލަތުގެ އެހެން މުއައްސަސާތަކުންވެސް އެދެމުންދިޔަ ފަދައިން ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެހާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކާ ޚިލާފަށް އިންތިޚާބު ބާއްވައިފިނަމަ އެކަމުގެ ސަބަބުން އެތައްބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލި، ރާއްޖޭގައި ދާޚިލީ ހަމަނުޖެހުމެއް އުފެދިދާނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ފެންނާތީ މިދިޔަ ހޮނިހިރު ދުވަހު ބާއްވަން އުޅުނު ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން އެއީ އެންމެ ރަގަޅު ގޮތްކަމަށް ނުދެކޭތީ ވޯޓާއި ގުޅޭ ސަލާމަތީ ކަންތައްތައް ފުލުހުންނަށް ބެލެހެއްޓެން ނެތްކަމަށް އިލެކްޝަން ކޮމިޝަނަށް އަންގާފައިވާ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވެވޭނެ އެންމެ ރަގަޅަކަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކަށް ފޮނުވަން ޖެހޭ ފުލުހުން ހުކުރު ދުވަހު އަތޮޅުތަކަށް ފޮނުވި، ރާއްޖޭއިން ބޭރަށް ފޮނުވަން ޖެހޭ ފުލުހުން އިލެކްޝަންސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިތުރުން ވައިގެ މަގުން އަތޮޅުތަކަށް ވޯޓާސް ލިސްޓާއި ވޯޓް ކަރުދާސް ފޮނުވުމަށްޓަކައި އެކަމަށް ވަކި ފުލުހުންތަކެއް ކަނޑައެޅިފައިވާކަމަށެވެ.

ރިޔާސީ އިންތިޚާބު ފުލުހުން ހުއްޓުވިކަމަށް ބުނާ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން ތަހުގީގު ކުރަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ފުލުހުން ހުރަސްއެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޮމިޝަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ސައުދީ ވަނީ އެ ކޮމެޓީއަށް ހާޒިރުކުރައްވާފަ އެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު ވިދާޅުވެފައި ވަނީ މަޖިލީހުން ނެރުނު ނޫސްބަޔާނުގައި ފުލުހުންނަކީ ކުށެއް ކޮށްފައިވާ ބައެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ފުލުހުންނާ ގުޅޭގޮތުން ތުހުމަތުތަކެއް ކޮށް މައްސަލައެއް ހުށަހެޅި ބެލުމުގެ ކުރިން، އެފަދަ ގޮތަކަށް ބަޔާނެއް ނެރެފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް ކޮމިޝަނަރު ވަނީ ވިދާޅުވެފަ އެވެ.