ރިޔާސީ އިންތިޚާބުގެ އެންމެހާ ކަންތައްތައް ކުރިއަށް ގެންދާނޭ ގޮތުގެ ޓައިމް ފްރޭމްއެއް މިއަދު ނެރޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް ދުވަސް ނިމިގެން ދިޔައިރު ވެސް އެ ކޮމިޝަނުން އެކަމާގުޅޭ ގޮތުން އަދި އެއްވެސް އިޝާރާތެއް ނުލިބެ އެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު ނެގުން އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ރޭ ނިންމި އިރު އެ ކޮމިޝަނުން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަނުން ބުނެފައި ވަނީ، ރީ ރެޖިސްޓްރޭޝަންގެ މަސައްކަތާއި އަދިވެސް އިންތިޚާބާ ގުޅުން ހުރި އެންމެހާ ކަންތައްތައް ކުރިއަށް ގެންދާނޭ ގޮތުގެ ޓައިމް ފްރޭމެއް މިއަދު މީޑިއާއާ ހިއްސާ ކުރާނޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޢަލީ މުޙައްމަދު މަނިކު ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު ނެގުމަށް ބޭނުންކުރާނީ މި މަހުގެ 19 ވަނަ ދުވަހު ނެގުމަށް މަސައްކަތް ކުރި ނަމަވެސް ނުނެގުނު ވޯޓަށް ތައްޔާރުކުރި ރެޖިސްޓްރީ ކަމަށާއި އަދި އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު ދެއްވާނީ، ވޯޓު ނަގާ ދުވަހަށް އުމުރު ފުރިހަމަވާ މީހުންނާއި އަދި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަންތަނުގައި ވޯޓުލާ މީހުންނަށް އެކަނި ކަމަށެވެ.

"ވަގުތު ނެތީމަ އަޅުގަނޑުމެން މި ނިންމީ 9 ވަނަ ދުވަހަށް 18 އަހަރު ފުރޭ މީހުނާއި އަދި ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށްރަށަށް ބަދަލުވާ މީހުން، މި އަލަށް ހުޅުވާލާ ފުރުސަތުގައި އަޅުގަނޑުމެން ބޭނުން ކުރާނީ. ދެން ހަމަ 16 ވަނަ ދުވަހަށް ވެސް އޮންނާނީ އެގޮތަށް. މިފަހަރު ދެވަނަ ފަހަރަށް ރަޖިސްޓްރީ ހުޅުވައެއް ނުލާނަން. ސޯޅަ ވަނަ ދުވަހަށް އުމުރު ހަމަވާ މީހުންނާއި އަދި ވޯޓުލާ ތަން ބަދަލުވާ މީހުން ވެސް އެއް ފޯމަކުން ރެޖިސްޓްރޭޝަން ހަމަޖައްސާނީ،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދުގެ ވަގުތެއްގައި ޑީއެންއާރުން މައުލޫމާތު ހޯއްދެވުމަށް ފަހު ކޮމިޝަންގެ ވެބްސައިޓްގައި ރެޖިސްޓްރޭޝަންއާ ބެހޭ ތަފްސީލު މައުލޫމާތު ހިމަނުއްވާނޭ ކަމަށެވެ. އެހެން ނަމަވެސް އެ ކޮމިޝަނުން މިއަދު އަދި މިހާތަނަށް ދެއްވާފައިވާ މައުލޫމާތަކީ ރިޔާސީ އިންތިޚާބު 2013ގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެކަންޏެވެ. އަދި ޝަކުވާ ހުށަހެޅުމަށް ދެއްވާފައި ވަނީ ނުވަ ގަޑިއިރުގެ ވަގުތެވެ. ނަމަވެސް އެ ވަގުތު ވަނީ މާދަމާ ހެނދުނު 8 އިން 10 އަށް އިތުރުކޮށްފަ އެވެ.

ވަގުތު ނެތުމަކީ ކޮމިޝަނަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރައްވައި ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު ނެގުން ބާއްވަން މަސައްކަތް ކުރެއްވި ކަމަށާއި އެހެން ނަމަވެސް އިންތިޚާބު ނުބޭއްވުނު ބޮޑު އެއް ސަބަބަކީ ވަގުތު ނެތް ކަމަށް ބުނެ ބައެއް ކެންޑިޑޭޓުން ސޮއިނުކުރެއްވުމުން ކަމަށް ވެސް ފުއާދުވަނީ ރޭ ވިދާޅުވެފަ އެވެ.

"މިދިޔަ ހޮނިހިރު ދުވަހު ވެސް އަޅުގަނޑުމެންނަށް އިންތިޚާބު ނުބޭއްވުމުގެ ހަމަ އެންމެ ބޮޑު ސަބަބަކަށްވޭ ދެ ކެންޑިޑޭޓަކު ލިސްޓުތަކުގައި ސޮއި ނުކުރެއްވުން،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ އެފަހަރު ލިސްޓުތަކުގައި ސޮއި ނުކުރެއްވުމަށް ކެންޑިޑޭޓުން ދެއްކެވި އުޒުރަކީ ދެއްވާފައިވާ ވަގުތު ކުޑަކަން ކަމަށެވެ.

"އެހެން ނަމަވެސް އެ ވަގުތަކީ ކެންޑިޑޭޓުންގެ ފަރާތްޕުޅުން ލިސްޓުތައް ޗެކް ކުރައްވަން އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ވިދާޅުވެ ސޮއި ނުކުރެއްވުމުގެ ސަބަބުން އެކަން ނުވީ،" ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.

އެހެން ކަމަށްވާ ނަމަ މިފަހަރު ވެސް ވަގުތުގެ މައްސަލަ ކުރިމަތިވާނޭ ކަމަށްވާ އިރު މިފަހަރު ރީ ރެޖިސްޓްރޭޝަނަށް ކިހާ ވަގުތެއް ދެއްވާނަންތޯ މީޑިއާ އިން ސުވާލު ކުރިމަތި ކުރުމުން ރޭ ފުއާދު ވިދާޅުވެފައި ވަނީ އިންތިޚާބުގެ ކަންތައްތައް ގެންދާނޭ ގޮތުގެ ޓައިމްފްރޭމެއް ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި އަދި އެކަމާ ގުޅޭ ތަފްސީލް މައުލޫމާތު މިއަދު މީޑިއާއާ ހިއްސާ ކުރައްވާނޭ ކަމަށެވެ.

އިންތިޚާބާ ގުޅޭ ގޮތުން މިއަދު މީޑިއާއާ ހިއްސާ ކުރަނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި "ޓައިމް ފްރޭމް"އާ ގުޅޭ އިތުރު މައުލޫމާތު އާންމުންނާ ހިއްސާ ކުރެވޭތޯ "ސަން" އިން ކުރި މަސައްކަތުގައި މިއަދު އެތަކެއް ފަހަރުމަތިން އެ ކޮމިޝަނަށް ގުޅައިގެން ވެސް ކޮމިޝަނުން ވެސް އަދި ކޮމިޝަނުގެ މެންބަރުން ވެސް ފޯނު ނުނަންގަވާތީ އެއަށް ޖަވާބެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.