22 Oct 2013, 17:12
ވޯޓްލާން ހަމަޖެހިފައިވާ ތަނުގެ މައުލޫމާތު ހޯދަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ 1414 ނަމްބަރުގެ ހިދުމަތް މިހާރު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެރަޓަރީ ކެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ އެ ކޮމިޝަންގެ އެސްއެމްއެސް ސިސްޓަމަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށައި އަދި މިހާރު އެސްއެމްސް މެދުވެރިކޮށް މައުލޫމާތު ޗެކް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު 1414 އަށް އެސްއެމްއެސް ކޮށްގެން ވޯޓްލާ ތަނަގުގެ މައުލޫމާތު ޗެކްކުރެވޭނެ." އާސިމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ 1414 ނަމްބަރުން ފޯނަށް ޖަވާބު ދެއްވި އޮފިޝަލު މިއަދު ވިދާޅުވީ އެސްއެމްއެސް މެދުވެރިކޮށް މައުލޫމާތު ސާފުނުކުރެވިގެން އުޅެނީ އެކޮޅުގެ ސިސްޓަމް ޑައުން ވެފައި ހުރުމުން ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިންޓަނެޓް މައްސަލައެއް އުޅޭތީ އެ ނަމްބަރަށް ގުޅުމުން ވެސް މިވަގުތު މައުލޫމާތު ސާފުކޮށްދެއްވަން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ނަމްބަރު ބިޖީ ވަނީ އެއްފަހަރާ ދެ ތިން ހަރަތު މީހުން ގުޅައިގެން އުޅޭތީ ކަމަށް އިލެކްޝަނުން ބުންޏެވެ.
ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް އިލެކްޝަންސުން ނުވަ ގަޑިއިރު މިއަދު ވަނީ ދީފަ އެވެ. ނަމަވެސް ސިސްޓަމަށް މައްސަލަ ދިމާވުމުން މާދަމާ ހެނދުނު 8 އިން 10 އަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.