22 Oct 2013, 16:33
ނ. ވެލިދޫ ގެއެއްގައި އަލިފާން ރޯވެ، އެ ގޭގެ ބޮޑު ބައެއް އަނދައި ހުލިވެއްޖެ އެވެ. މިއަދު މެންދުރު ފަހު އެ ރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދައިފައި ވަނީ ވެލިދޫ "އާހަމަގެ" އެވެ.
ފުލުހުން ބުނީ މީހުން ދިރިއުޅޭ ގޮތަށް އެއް ބުރިއަށް ނަގާފައިވާ ވެލިދޫ "އާހަމަ" ގޭގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު 3:30 އެހާކަންހާއިރު ކަމަށާއި އަލިފާން ނިއްވާފައި ވަނީ ފުލުހުންނާއި އާންމުން ގުޅިގެން މިއަދު ހަވީރު 5:15 އެހާކަންހާއިރު ކަމަށެވެ. މިހާތަނަށް އެގޭގެ ބޮޑު ބަޔަކަށް ގެއްލުންވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
މި މަހުގެ ތެރޭގައި ވެލިދޫގެ އިތުރު ގެއެއްގައި ވަނީ އަލިފާން ރޯވެ އަނދައިފަ އެވެ. އަދި މިއަހަރުގެ ތެރޭގައި ވެސް އިތުރު އެހެން ގެއެއް ރޯވެ އަނދައިފަ އެވެ. އެ ރަށުގައި ފަހަކަށް އައިސް ހިނގާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން އެކަކު ފުލުހުން ހައްޔަރު ކުރި އެވެ.