މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވަން އުޅުނު ރިޔާސީ އިންތިހާބު ގާނޫނާއި ހިލާފަށް ފުލުހުން ހުއްޓުވި ކަމަށް ބުނެ ދެއްކާ ވާހަކަތަކުގެ ހަގީގަތް އޮޅުންފިލުވައިދިނުމަށް ފޮލިސް އިންޓަގްރިޓީ ކޮމިޝަންގައި ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިކަމަށް އެދި ހުށަހަޅައިފައި ވަނީ މިއަދު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ރާއްޖޭގައި ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމަށް ފަހު އޮކްޓޯބަރު 19 ގައި އިލެކްޝަންސް ކޮމިޝަނުން ބާއްވަން އުޅުނު އިންތިހާބު ފުލުހުންގެ މެންޑޭޓުން ބޭރުން ހުއްޓުވި ކަމަށް އިލެކްޝަންސް ކޮމިޝަނުން މީޑިއާތަކުގައި ބުނެފައިވާ ކަމަށެވެ.

"ފުލުހުންގެ ހިދުމަތާއި ގުޅޭގޮތުން އާއްމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން އުފެއްދުމަށް މަސައްކަތްކުރުމަކީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނީ ޒިންމާއެއް ކަމަށާއި އިލެކްޝަން ކޮމިޝަންގެ ފަރާތުން އޮކްޓޯބަރު 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި އިންތިހާބު ވޯޓުލުން ހުއްޓުވުމުގައި ފުލުހުންގެ މެންޑޭޓުން ބޭރުން އެއްވެސް ކަމެއް ކޮށްފައިވޭތޯ ބައްލަވައިދެއްވަން އެދެމެވެ،" އެ ސިޓީގައިވެ އެވެ.

ފުލުހުންގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ށ) އާއި (ނ) އަދި (ރ) ގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ މަގުސަދުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ފުލުހުންނަށް ވަޒީފާ އަދާކުރުމުގައި ބޭނުންވާނޭ ރައްކާތެރިކަންދީފުލުހުންގެ ހިދުމަތާ ގުޅޭގޮތުން އާއްމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން އުފެއްދުމަށް މަސައްކަތްކުރުމަކީ ޕީއައިސީގެ ގާނޫނީ ޒިންމާ އެއްކަމުގައި ފުލުހުންގެ މުއައްސަސާއިން ދެކޭ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވަން އުޅުނު އެ އިންތިހާބު ކެންސަލްކުރީ އިންތިހާބާ ގުޅޭ އެއްވެސް އެއްޗެއް އިލެކްޝަންސް ކޮމިޝަނުން ބޭރުނު ކުރުމަށް ފުލުހުން ހުރަސް އެޅި ކަމަށް ބުނެ އެވެ. ފުއާދު ތައުފީގު އެ ދުވަހު ވިދާޅުވީ އިލެކްޝަނުން އެއްވެސް އެއްޗެއް ބޭރު ކުރުމަށް ފުލުހުން ދެކޮޅު ހަދާފައިވާ ކަމަށާއި އެކަމާ ގުޅިގެން އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބާއްވަން އުޅުނު އިންތިހާބަށް ފުލުހުން އެއްއްބާރުލުން ދިނުން ހުއްޓާލީ 16 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ހުކުމްގައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިހާބުގެ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ފުރިހަމަ ނުކުރުމުންނެވެ. ފައިނަލް ވޯޓާސް ލިސްޓުގައި ރިޔާސީ ކެންޑިޑޭޓުންގެ ސޮއި ކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގެ ގައިޑްލައިނުގެ ފަސް ވަނަ ނަމްބަރުގައި ބުނެފައި އޮތަސް، ކެންޑިޑޭޓުން ސޮއި ނުކުރިއަސް މިފަހުގެ އިންތިހާބެއް ފަސް ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭގައި ވަނީ ބުނެފަ އެވެ.