22 Oct 2013, 15:42
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ސަމާހު، އެ މަގާމުން އިއްޔެ އިސްތިއުފާދެއްވާފައިވަނިކޮށް، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފި އެވެ.
ސަމާހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފައި ވަނީ މާލޭ ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް ބޭފުޅުންގެ ތެރެއިން ހަ މެމްބަރުންގެ އަގުލަބިއްޔަތުނެވެ.
ޑެޕިއުޓީ މޭޔަރު މައްޗަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވުމާއި އޮފީހަށް ވަޑައިގެންނެވުމުގައި ފަރުވާކުޑަކުރައްވަމުން ގެންދާ މައްސަލަ އެ ކައުންސިލްގެ މެމްބަރު މުހައްމަދު އައިމަން އިސްމާއިލް ހުށަހެޅުއްވުމުން އެ މައްސަލަ ބަލައިގަތުމަށް ތާއީދުކުރެއްވީ މެމްބަރު މުހައްމަދު އަފްރާހު އެވެ.
ސަމާހު މިއަދު "ސަން" އަށް ވިދާޅުވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ކައުންސިލުން މިއަދު ނަގާފައި ވަނީ އިއްޔެ ވަގުތެއްގައި އިސްތިއުފާގެ ސިޓީ ވެސް ކައުންސިލަށް ހުށަހަޅުއްވާފައި ވަނިކޮށް ކަމަށެވެ. އަދި އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކެއް ހުރެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިސްތިއުފާ ދީފައި ވަނިކޮށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޖެހޭ ސަބަބެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. ދެން ފޯން ކޯލްތައް އަންނަ ވަރުން މި އިނގުނީ ވެސް އެފަދަ ކަމެއް ހިނގިކަން ވެސް،" ސަމާހު ވިދާޅުވި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ސަމާހު އިސްތިއުފާ ދެއްވާފައި ވަނިކޮށް، އިތުބާރުގެ މައްސަލައެއް ނެގުމަށް އެޖެންޑާކޮށްފައި ވަނީ އިދާރީ ގޮތުން އެރި އޮޅުންތަކެއްގެ ސަބަބުންނެވެ.