22 Oct 2013, 15:36
ރާއްޖެ އިން ބޭރުން އެތެރެކުރެވޭ ހަކަތައިގެ ބާވަތްތަކަށް ބަރޯސާވާ މިންވަރު ކުޑަ ނުކުރެވިއްޖެ ނަމަ، އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހަކަތައިގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. އެގޮތުން އެ ހިތާބުގައި މިނިސްޓަރު ޝަކީލާ ވިދާޅުވީ ރާއްޖެ އަށް، ދިރިއުޅުމަށް ބޭނުންވާ ހަކަތައިގެ ބާވަތްތައް އެތެރެ ކުރުމަށް ގައުމީ އުފެންދުންތެރިކަމުގެ ނިސްބަތުގެ 35 ޕަސެންޓް ހަރަދު ކުރެވޭ ކަމަށެވެ. އަދި އެމިންވަރު ކުޑަ ނުކުރެވިއްޖެ ނަމަ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ވެސް ޝަކީލާ ވިދާޅުވި އެވެ.
"ރާއްޖޭން ބޭރުން އެތެރެކުރެވޭ ހަކަތައިގެ ބާވަތްތައް ބަރޯސާ މިންވަރު ކުޑަ ނުކުރެވިއްޖެ ނަމަ، އަދި ހަކަތައިގެ ސަލާމަތްކަން ނުހޯދިއްޖެ ނަމަ މާދަމާގެ ޖީލަށް އޭގެ ނޭދެވޭ އަސަރުތައް ނުސީދާ ގޮތުންނާއި ސީދާ ގޮތުން ކުރާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން،" މިނިސްޓަރުގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ އެމިންވަރު ކުޑަކުރުމަށް ޓަކައި ހަކަތައިގެ ދާއިރާ އިން މަޝްރޫއުތައް ހިންގަން ފެށިފައިވާ ކަމަށާއި އެގޮތުން ދޮޅު އަހަރުގެ ތެރޭގައި 139 މިލިއަން ރުފިޔާގެ އިންވެސްޓް މަންޓެއް އެކުލަވާލެވި ކަލައިމެޓް އިންވެސްޓްމަންޓް ފަންޑުން އެންޑޯސް ކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ރަށްތަކަކީ އިއާދަކުރުނަވި ހަކަތައިގެ ވަސީލަތްތައް ބޭނުން ކޮށްގެން ކަރަންޓު އުފެއްދާ ރަށްތަކުގައި ހެދުމަށް އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކުން ވެސް އެހީތެރިކަން ދެއްވާނެ ކަމަށް އެފަރާތުން ބުނެފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ ދިރާސާތައް މިހާރު ފެށިފައިވާ ކަންވެސް މިނިސްޓަރުގެ ހިތާބުގައި ފާހަގަކުރައްވާފައިވެ އެވެ.
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް ގައުމީ ފެންވަރުގަ އާއި ފަރުދީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެ މިނިސްޓަރު ވިދާޅުވީ ހަކަތަ ބޭނުންކުރާ މިންވަރު ކުޑަކުރުމަށް ޓަކައި ކަރަންޓް ހަރަދުކުޑަ އާލާތްތައް ދިރިއުޅުމުގައި ބޭނުންކުރުން އެއީ މުހިއްމު ކަމެއް ކަމަށެވެ. އަދި ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަޑިއަށް ވާސިލުވުމަށް ހުރިހާ ރައްޔިތުން ވެސް މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރުގެ ހިތާބުގައި އެދިވަޑައިގަ ތެވެ.
ދުނިޔޭގައި ހަކަތައިގެ ދުވަސް 2012 އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ އިރު މިއަހަރަކީ ރާއްޖޭގައި އެދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ. އެގޮތުން ހަކަތަ އިސްރާފުކުރުން ކުޑަކުރުމާއި އަދި އެކަމުގައި ދަރިވަރުންނަށް އަދާކުރެވިދާނެ ދައުރާއި ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ މިއަދު ބައެއް ސްކޫލުތަކަށް ގޮސް މައުލޫމާތު ދެއްވާފަ އެވެ.
ދުނިޔޭގެ ހަކަތައިގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ދުބާއީގައި ބޭއްވި ވަލްޑް އެނަޖީ ފޯރަމު ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިޔާތުގައި ދިވެހިރާއްޖެ ހިމެނޭ ގޮތަށް 60 ގައުމަކުން ވަނީ ކޮންމެ އަހަރެއްގައި މި ދުވަސް ފާހަގަކުރުމަށް ތަރުހީބު ދިނުމުގެ ގޮތުން "ދަ ދުބާއީ ޑެކްލަރޭޝަން ފޯ އޯލް" ގަރާރުގައި ސޮއިކޮށްފަ އެވެ.