22 Oct 2013, 15:29
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް 25 ނުވަތަ 30 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށް އިލެކްޝަންސް އިން ބުނެފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ އަންނަ މަހު ބާއްވާ ރިތާސީ އިންތިހާބުގެ ހަރުދުތަކަށް ކުރީ ފަހަރުތަކެކޭ އެއްފަދައިން ކުރަން ޖެހުނު ހުރިހާ ހަރަދެއް ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން މިފަހަރުގެ އިންތިހާބަށް 25 މިލިޔަނާއި 30 މިލިޔަނާއި ދެމެދުގެ އަދަދަކަށް ހަރުދު ވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މެންނަށް ގަބޫލު ކުރެވޭ ގޮތުގައި މިފަހަރުގެ އިންތިހާބަށް 25 މިލިޔަނާއި 30 މިލިޔަނާއި ދެމެދުގެ އަދަދަކަށް ހަރަދު ވާނެ،" އާސިމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެފައި ވަނީ ސެޕްޓެންބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރި ހަރަދަށް ވުރެ އިތުރު ހަރަދު އަންނަ މަހު ބާއްވާ އިންތިހާބަށް ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ ގައިޑްލައިންސްތަކާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް ޓަކައި ވޯޓް ފޮށިތައްކައިރީ ތިބޭ ސަލާމަތީ ބާރުތަކުގެ މީހުންގެ ހަރަދުތައް އިތުރުވެގެންދާނެ ކަމަށެވެ.
ފުއާދު ވިދާޅުވީ ވޯޓް ކަރުދާސް ޗާޕްކުރުމަށް ވެސް ކުރިން ކުރި ހަރަދަށް ވުރެ ބޮޑު ހަރަދެއް އަންނަ މަހު ބާއްވާ އިންތިހާބަށް ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ވޯޓް ކަރުދާހުގެ ސެކިޔުރިޓީ ފީޗާޒް ވަރުގަދަކޮށް ވޯޓް ކުރުދާސް ކުލަކޮށް ޗާޕް ކުރާނެ ކަމަށް ފުއާދު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ރޭ އެ ކޮމިޝަނުން ބޭއްވި ނޫސްކޮންފަރެންސުގައި ބުނީ އެންމެ ފަހުން ޗާޕް ކުރި ވޯޓު ކަރުދާސްތައް މި ފަހަރު ބޭނުން ކުރެވޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް މިހާތަނަށް ކުރެވިފައިވާ ހަރުދުތަކާ ބެހޭ ގޮތުން ކޮމިޝަންގެ ސެކެރެޓަރީ ޖެނަރަލް ވިދާޅުވެފައި ވަނީ މިހާތަނަށް އިންތިހާބަށް 70 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން އިން ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އަންނަ މަހު 9 ވަނަ ދުވަހު ބާއްވައި އަދި ދެވަނަ ބިރަކަށް ދާން ޖެހިއްޖެ ނަމަ ދެވަނަ ބުރެއް އަންނަ މަހު 16 ވަނަ ދުވަހު ބޭއްވުމަށް ކޮމިޝަން އިން ވަނީ ނިންމާފަ އެވެ.