22 Oct 2013, 15:24
ސިވިލްސާވަންޓުންގެ ތެރެއިން އަންހެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ޕީޕީއެމްގެ ސަރުކާރެއްގައި ގާއިމް ކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.
އަންހެނުންނަށް ހާއްސަކޮށްގެން ޝީ ބިލްޑިންގްގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ ފިންގާޕްރިންޓް ޖަހައިގެން ނުވަތަ ކާޑު ޖަހައިގެން އޮފީހަށް ނިކުންނަ ނިޒާމަށް ބަދަލު ގެނެސް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށެވެ. ގޭގައި ތިބިގެން މަސައްކަތް ކުރެވޭނެ ނިޒާމު ސިވިލް ސާވިސް ހިދުމަތުގައި ގާއިމްކުރުމުން އެހެން ސިނާއަތްތަކުގައި ވެސް އެ ހިދުމަތް ހަމަޖައްސަން މަސައްކަތް ކުރާނެ ކަމަށް ޔާމިން ވިދާޅުވި އެވެ.
"އަހަރުމެން ފަށާނަން އަހަރުމެންގެ ސަރުކާރުގައި ސިވިލް ސާވިސް މުވައްޒަފުންނަކީ ހަމަގޭގަ ތިބެގެން މަސައްކަތް ކުރެވޭނެ. މީގެ ތެރޭގައި ފުލްޕޭ އެ މަސައްކަތް ކުރާނީ، އަދި ސިވިލް ސާވިސްގެ އެކްސްޕީރިއަންސަށް ބަލާފައި ހަ މަ ސް ނުވަތަ އެއް އަހަރު ތެރޭގައި ލެޖިސްލޭޓް ކޮށްގެން ރާއްޖޭގެ ހުރިހާ ސިނާއަތެއްގައި ވެސް މިކަން ކުރެވޭތޯ ބަލާނަން،" ޔާމިން ވިދާޅުވި އެވެ.
ޕީޕީއެމް ސަރުކާރެއްގައި އަންހެނުން ބާރުވެރި ކުރުވައި މުޖުތަމައުގައި ގެއްލިފައިވާ އަންހެނުންގެ ހައްގުތަށް ހޯދައިދޭނެ ކަމަށް ޔާމިން ވިދާޅުވި އެވެ. އަދި ވިދާޅުވީ އަންހެނުންނަށް ގެއްލިފައިވާ ހައްގުތަށް ހޯދައި ދެވޭނީ އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރި ކުރުވައިގެން ކަމަށާއި އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރި ކުރުވައި އެހެން މީހެއްގެ މައްޗަށް ބުރަ ނުވެ އުޅުވޭނެ ގޮތް ޕީޕީއެމްގެ ސަރުކާރެއްގައި ހައްދަވައި ދެއްވާނެ ކަމަށެވެ.
"އަންހެނުންގެ ހައްގުތަށް ހޯދައިދެވޭނީ އިގްތިސާދީ ގޮތުން އަދި ސިޔާސީ ގޮތުން އަންހެނުން އެމްޕަވާ ކޮށްގެން. އަހަރުމެންގެ ސަރުކާރެއްގައި އަންހެނުން އެމްޕަވާ ކުރާނަން،" ޔާމިން ވިދާޅުވި އެވެ.
ޔާމިން ވިދާޅުވީ އަންހެނުން ބާރުވެރިކުރުވަން ސިޔާސީ ގޮތުން ވެސް ނެރެންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު ސަރުކާރުގައި އެ ކަމަށް ވަކި ގާވާއިދެއް ނުހެދުނަސް ކޮންމެ ދާއިރާއަކުން ވެސް ވަކި ޕަސެންޓެއްގެ އަންހެންކުދިން ސިޔާސީ ދާއިރާއަށް ނެރޭނެ ކަމަށެވެ.