22 Oct 2013, 14:59
ޖުޑިޝަލްސް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ކުރު މުއްދަތުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޖޭއެސްސީގެ އިދާރީ ހިންގުން ހަރުދަނާ ކުރެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ޖޭއެސްސީ އަށް ކަނޑައެޅުއްވި މެންބަރު ބިލެއްދޫ ދާއިރާގެ އަހުމަދު ހަމްޒާ ވިދާޅުވެއްޖެ އެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ހަމްޒާ ވިދާޅުވީ މިހާރު ޖޭއެސްސީގެ އިދާރީ ހިންގުން ވަނީ ވަރަށް ބޮޑަށް ބޮއްސުންލާފައި ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ އިތުބާރު ޖޭއެސްސީ އަށް ހޯދުމަށް ޓަކައި ޖޭއެސްސީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑު ޖޭއެސްސީގައި މަސައްކަތް ކުރުމަށް މި ލިބުނު ފުރުސަތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ޖޭއެސްސީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކަމަށް. އަދި ރައްޔިތުންގެ އިތުބާރު ޖޭއެސްސީ އަށް ހޯދުމަށް. އެކަމަށް ޓަކައި ޖޭއެސްސީގެ އިދާރީ ހިންގުން ކޮންމެހެން ވެސް ހަރުދަނާ ކުރަން ޖެހޭ. އެހެން ވީމާ ޖޭއެސްސީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން،" ހަމްޒާ ވިދާޅުވި އެވެ.
ހަމްޒާ އަށް ޖޭއެސްސީގައި މަސައްކަތް ކުރައްވަން ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީސް އަންނަ އަހަރު އިންތިހާބު ކުރަންދެނެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މަތީތަޢުލީމް ހާސިލް ކުރައްވައިގެން ތިއްބެވި ގާބިލް ފަނޑިޔާރުން އެބަތިއްބެވި ކަމަށާއި އެހެންކަމުން އެފަދަ ފަނޑިޔާރުން ކޯޓްތަކަށް ގެނައުމަށް ޓަކައި ޖޭއެސްސީގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އެކަމަށް ޓަކައި ޖޭއެސްސީގެ ގާނޫނަށާއި ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް މެދުވެރިކޮށް މަޖިލީގަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީގައި ތަފާތު އެކި ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ހަމްޒާ ވިދާޅުވީ ޖުޑިޝަރީ އަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ޓަކައި އަދި ހާއްސަކޮށް ކޯޓްތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ޓަކައި ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާތައް އަވަހަށް ބެލުމަށް ޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.