ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ހަމްޒާ ހޮއްވަވައިފި އެވެ.

ބިލެތްދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ހަމްޒާ ޖޭއެސްސީ އަށް ހޮއްވެވީ އެމްޑީޕީ، ޑީއާރްޕީގެ މެންބަރުންގެ ވޯޓުގެ އަގުލަބިއްޔަތުންނެވެ. ޖޭއެސްސީ އަށް ހަމްޒާ ހޮއްވެވުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ ތެރެއިން 43 ވޯޓުގެ އަގުލަބިއްޔަތު ލިބުނީ އޭނާ ޖޭއެސްސީ އަށް ހޮވުމަށެވެ. އޭނާ ޖޭއެސްސީ އަށް ހޮވުމާ ދެކޮޅަށް 27 މެންބަރުން ވޯޓު ދެއްވި އެވެ. ވަކިކޮޅަށް ވޯޓު ނުދެއްވާ އެންމެ މެންބަރަކު އިންނެވި އެވެ.

ޖޭޕީ ކޯލިޝަނާއި ޕީޕީއެމް ކޯލިޝަން ގުޅިގެން ޖޭއެސްސީ އަށް ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހޮވުމަށް ވޯޓަށް އެހުމުން އޭނާގެ ނަމަކަށް އަގުލަބިއްޔަތެއް ނުލިބުނެވެ. އޭނާ ހޮވުމަށް 34 މެންބަރުން ވޯޓު ދެއްވި އިރު، 39 މެންބަރުން ވޯޓުގެ އަގުލަބިއްޔަތު ލިބުނީ އިލްހާމް ޖޭއެސްސީ އަށް ނުހޮވުމަށެވެ.

ޖޭއެސްސީ ހޮވުމާ ގުޅިގެން ހަމްޒާ މިއަދު ކުރެއްވި ޓޫވީޓެއްގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ މިއަދު ނިންމެވުމަކީ ޖުޑީޝަރީ އިސްލާހު ކުރުމަށް ނިންމި މުހިއްމު ނިންމުމެއް ކަމަށެވެ. އަދި އޭނާގެ ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރަކަށް ލަނޑުދަނޑި ހާސިލް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހަމްޒާ ވިދާޅުވެފައިވެ އެވެ.