މި މަހުގެ 19 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރި ރިޔާސީ އިންތިހާބު ހުއްޓުވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލަ ބަލަމުންދާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ސިއްރު ކޮށްފި އެވެ.

މިހާރު ކުރިއަށްދާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ޕްރޮސިކިޔުޓާ ޖެނަރަލް (ޕީޖީ) އާއި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) ވަނީ ހާޒިރު ކޮށްފަ އެވެ.

"ސަން މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކުރިއަށް ގެންދާ މިނިވަން މުއްސަސާތަކުގެ ކޮމެޓީ ސިއްރު ކޮށްފައި ވަނީ ކޮމެޓީގައި ހިމެނިވަޑައިނުގަންނަވާ މެންބަރުން ކޮމެޓީ އަޑުއެހުމަށް ވަދެތިބުމުންނެވެ.

އެ ކޮމެޓީގައި ބަލަމުންދާ މައްސަލައަކީ މި މަހުގެ 19 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރި އިންތިހާބު ހުއްޓުވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުން ދާތީ އެކަން ހިނގާފައިވާ ގޮތް ބެލުމަށް ބާއްވާ ކޮމެޓީއެކެވެ. އެގޮތުން ފުލުހުން އިންތިހާބު ހުއްޓުވާފައިވާ ނަމަ މިހާތަނަށް ޕީއައިސީ ފުލުހުންނާ ދޭތެރޭ އަޅާފައިވާ ފިޔަވަޅުތަކާއި އަދި އެކަމާ ގުޅިގެން ޕީޖީ އަމަލުކުރާނެ ގޮތެއް ކޮމެޓީން ސާފް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޮމެޓީގެ މެންބަރަކު ސަން އަށް ވިދާޅުވި އެވެ.

މި މަހުގެ 19 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރި އިންތިހާބާއި ގުޅޭ ގޮތުން އެޗްއާރްސީއެމް އިން ބުނެފައި ވަނީ ފުލުހުންނަށް އިންތިހާބު ހުއްޓުވުމުގެ އެއްވެސް ބާރެއް ލިބިފައި ނުވާ ކަމަށާއި އަދި އެދުވަހު ފުލުހުން އަމަލުކޮށްފައި ވަނީ ގާނޫނީ އިމުން ބޭރުން ކަމަށެވެ.

އިންތިހާބާ ގުޅިގެން ޕީޖީ އިއްޔެ ވިދާޅުވެފައި ވަނީ ފުލުހުން އިންތިހާބު ހުއްޓުވި ކަމަށް ބުނާ މައްސަލަ މިހާރު ޕީޖީގެ ސަމާލު ކަމަށް އައިސްފަވާ ކަމަށެވެ. އަދި އެކަން ބަލަމުންދާ ކަމަށް ޕީޖީ ވިދާޅުވެފައިވެ އެވެ. އަދި ޕީއައިސީ ވެސް ބުބނެފައި ވަނީ 19 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރި އިންތިހާބާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް މިހާރު އެ ކޮމިޝަނުން ތަހުގީގް ކުރަމުންދާ ކަމަށެވެ.