އާސެނަލްގެ މިޑްފީލްޑަރު މެތިއު ފްލެމިނީގެ ސިކުނޑިއަށް އެރި ކުއްލި ލޮޅުމެއް (ކޮންކަޝަން) އެއްގެ ސަބަބުން ޗެމްޕިއަންސް ލީގުގައި އެޓީމު މިރޭ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނޭ ކަމަށް ޓީމުގެ ކޯޗު އާސީން ވެންގާ ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ނޯވިޗް ސިޓީ އަތުން އާސެނަލް 4-1 އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ ބައެއްގައި ކުޅުމަށްފަހު ފްލެމިނީ ވަނީ، މެޗު ދޫކޮށް ފައިބާފަ އެވެ. އެހެން ނަމަވެސް އޭނާ ވަނީ، ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފް ގައި އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅެން އޮތް މެޗަށް އެރޭނޭ ކަމުގެ އުންމީދުގައި ހޯމަ ދުވަހު އާސެނަލްއިން ބޭއްވި ފަރިތަކުރުންތަކުގައި ފުރިހަމައަށް ބައިވެރި ވެފަ އެވެ.

"ފްލެމިނީގެ ހާލު ރަނގަޅު. އޭނާ ވަނީ އާދައިގެ މަތިން ފަރިތަކުރުން ތަކުގައި ބައިވެރި ވެފައި. އެހެން ނަމަވެސް އަހަރެމެން ބޭނުމެއް ނުވޭ މި މެޗަށް އޭނާ ނެރޭކަށް،" ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ރަނަރަޕް އާ ދެކޮޅަށް މިރޭ އާސެނަލް ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ވެންގާ ބުންޏެވެ.

ވެންގާ ބުނީ ފްލެމިނީ ލައްވައި ކުރިއަށް އޮތް މެޗުގައި ނުކުޅުވަން ނޮންމީ "ކޮންކަޝަން" އެއްވީމައި، ޑޮކްޓަރުންގެ ލަފަޔާ އެކުގައި ކަމަށެވެ.

"އަހަރެމެން ބޭނުމެއް ނުވޭ ރިސްކެއް ނަގާކަށް. އެހެން ކަމުން ފަސްދުވަސް ވަންދެން މަޑުކުރަން ޖެހޭ ގަވައިދަށް އަހަރެމެން އިހްތިރާމް ކުރާނަން. ކޮންކަޝަންއެއް ވީމައި ޑޮކްޓަރު ލަފާދީފައިވަނީ ފްލެމިނީ އަދި ނުކުޅެން،" އާސެނަލްގެ ކޯޗު ބުންޏެވެ.

ވެންގާ ބުނީ ޗެމްޕިއަންސް ލީގު މެޗުގައި ފްލެމިނީއަށް ނުކުޅެވުނު ނަމަވެސް އަންނަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓްވާނެ ކަމަށެވެ.