އެމެރިކާ ކެލިފޯނިއާގެ ބީޗަށް "ޖަޔަންޓް އޯފިޝް"އެއް ލެއްގުމާ އެކު އެ ސަރަހައްދަށް ބިންހެލުމެއް އަތުވެދާނެ ކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރިއްޖެ އެވެ.

މިފަހަރު ލައްގާފައިވާ "އޯފިޝް"ފެނިފައި ވަނީ ކެލިފޯނިއާގެ އޯޝަންސައިޑުގެ އައްސޭރިފަށުން ނެވެ. މިމަހުގެ ދިގުމިނުގައި 4.3 މީޓަރު ނުވަތަ 14 ފޫޓު ހުރި ކަމަށް މައުލޫމާތު ލިބެ އެވެ.

މީގެ ފަސް ދުވަސް ކުރިން އެހެން "އޯފިޝް"އެއް ވެސް ވަނީ ކެލިފޯނިއާގެ ގޮނޑުދޮށަށް މަރުވެގެން ލައްގާފަ އެވެ. މިމަހުގެ ދިގުމިނުގައި 5.5 މީޓަރު ހުރި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެ އެވެ.

http://sun.mv/albums/live_20769.jpg

ބީބީސީ އިން ބުނީ ޖަޕާނުގެ ބައެއް ތާރީހީ ލިޔެކިޔުންތައް ބުނާ ގޮތުން ބާރުގަދަ ބިންހެލުމެއްގެ ކުރިން ގިނަ "އޯފިޝް"ތަކެއް ފެނުމަކީ ގާތް ކަމެއް ކަމަށެވެ. ގަބޫލުކުރެވޭ ގޮތުގައި މިގޮތަށް ބެލެވެނީ "އޯފިޝް"އަކީ ކަނޑުގެ އަޑީގައި އުޅޭ ވަރަށް މަދުން ނޫނީ ނުފެންނަ މަހަކަށް ވުމުން ނެވެ.

މިވާހަކަތަކާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ބޮޑު ބިންހެލުމެއް އަންނަން އުޅޭ ކަމަށް ބުނަމުން ނެވެ.

ނަމަވެސް ސައެންސްވެރިން ބުނެފައި ވަނީ މިކަންތަކާއި ބިންހެލުމާ ގުޅުމެއް ވާކަމަށް ނުބެލެވޭ ކަމަށެވެ.
އެންމެ ފުރަތަމަ މަރުވެގެން ލެއްގި "އޯފިޝް" މަރުވާން މެދުވެރިވި ސަބަބު ހޯދުމަށް ސައެންސްވެރިން ވަނީ އެ މަސް ފަޅާލައިގެން ބަލައިފަ އެވެ.

މިކަމުގައި އުޅުއްވި ބަޔޮލޮޖިސްޓެއް ކަމަށްވާ ރުފް ޒެޓާ ވިދާޅުވީ މަސް މަރުވި ސަބަބެއް ހޯދިފައި ނުވާ ކަމަށާއި މަރުވެފައިވާ މަހަކީ ސިއްހަތު ރަނގަޅު މަހެއް ކަމަށެވެ.

ވަރަށް މަދުން ނޫނީ ނުފެންނަ "ޖަޔަންޓް އޯފިޝް" އަކީ 15 މީޓަރާ ހަމައަށް ބޮޑުވާ މަހެކެވެ. އާއްމު ގޮތެއްގައި ކަނޑުގެ 1000 މީޓަރު އަޑީގައި އުޅޭ "އޯފިޝް"އަކީ ހުރިހާ ފިނިހޫނު މިނެއްގެ ފެނުގައި ވެސް އުޅޭ މަހެއް ކަމަށް ސައެންސްވެރިން ބުނެ އެވެ.