ސަތޭކަ ރުފިޔާގެ ނޫޓު މަދުވެގެން އެމްއެމްއޭ އިން ރާއްޖެ ގެނައި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުވަމުންދާ ފައިސާތަކުގެ ތެރެއަށް މިއަދު ނެރެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިއަދު ނެރެފައިވާ މިނޫޓުތަކަކީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ރާއްޖެ ގެނައި 100 ރުފިޔާގެ އާ ޝިޕްމަންޓްގެ ނޫޓުތައް ކަމަށެވެ.

މިއީ 2004 ވަނަ އަހަރު ޗާޕްކުރި 100 ރުފިޔާގެ ނޫޓުތަކަށް އާ ސަލާމަތީ ސިފަތަކެއް އިތުރުކޮށްގެން ޗާޕްކޮށްފައިވާ ނޫޓެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެގޮތުން ކަތިރޮނގުތަކެއް ހެން ފެންނަން ހުންނަ ފެން މަރުމާއެއް ނޫޓުގެ ކޮންމެ ކަނެއްގައި ހުންނާނެ ކަމަށެވެ. އަދި އިތުރު ފެންފަރުވާއެއްގެ ގޮތުގައި "100" ޖަހާފައިވާ ތަން ފެންނާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

މީގެ އިތުރުން މި ނޫޓުގައި ތިން މިލިމީޓަރުގެ ސަލާމަތީ ރޮދިފަށެއް އިންނާނެ ކަމަށާއި ނޫޓަށް އަލިއެޅޭ ގޮތުންނާއި ބަލާދިމާލުން ސަލާމަތީ ރޮދިފަށް ރަތްކުލައިން ފެހިކުލައަށް ބަދަލުވާނެ ކަމަށް އިއުލާންގައިވެ އެވެ. އަދި ނޫޓު އައްޔަށް ދިއްކުރުމުން ސަލާމަތީ ރޮދިފަށް މެދުނުކެނޑި ފެންނަން ހުންނާނެ ކަމަށާއި އެ ރޮދިފަށުގައި އެމްއެމްއޭ 100 ޖަހައި އިނގިރޭސި އަކުރުން ލިޔެ، ޑިޒައިނެއް ވެސް ހިމަނާފައިވާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

ސަތޭކަ ރުފިޔާގެ އާ ނޫޓުގައި ސޮއިކުރައްވާފައި ވަނީ އެމްއެމްއޭގެ ގަވާނަރު ޑރ. ފަޒީލް ނަޒީބު އެވެ. އެ ނޫޓުގެ ތާރީހަކީ 2 ޖެނުއަރީ 2013 އެވެ.

https://www.youtube.com/watch?v=tYC2QedUa1A