ޕްރިމިއާ ލީގުގައި ޗެލްސީ އާއި ކާޑިފް ސިޓީ ކުޅުނުމެޗުގައި ޗެލްސީގެ ކޯޗް ހޯސޭ މޮރީނިއޯ ކުޅިވަރުގެ ރޫހާ ޚިލާފުވެފައިވާ ކަމަށް ބުނެ އިނގިރޭސި އެފްއޭއިން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ޗެލްސީގެ ދަނޑުގައި ކާޑިފް އަތުން 4-1 އިން އެޓީމު މޮޅުވި މެޗުގެ ތެރޭގައި މެޗުގެ އޮފިޝަލުންގެ ނިންމުން ތަކާ ދޭތެރޭގައި ތަކުރާރުކޮށް ހިތްހަމަ ނުޖެހުން ފާޅުކުރަމުން ގެންދިއުމުން ރެފްރީ އެންތަނީ ޓޭލާ، ވަނީ މޮރީނިއޯ ބެންޗުން ފޮނުވާލާފަ އެވެ. އަދި މެޗުގެ ފަހުބައި މޮރީނިއޯ ހޭދަކުރީ ސަޕޯޓަރުން ތިބޭ ސަރަހައްދުގަ އެވެ.

އެ މައްސަލައިގެ ބާވަތަށް ބަލާފައި ލަފާކުރެވެނީ މޮރީނިއޯ އަށް ސަސްޕެންޝަނެއް ދިނުމުގެ ބަދަލުގައި އެފްއޭއިން ނިންމާނީ އޭނާ ޖޫރިމަނާ ކުރަން ކަމަށެވެ. އަދި އެ މައްސަލައިގައި ޖަވާބުދާރީ ވުމަށް އެފްއޭއިން ވަނީ މޮރީނިއޯއަށް ބުރާސްފަތި ދުވަހުގެ ހަވީރު ހަޔަކާ ހަމައަށް ފުރުސަތު ދީފަ އެވެ.

ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ޝަލްކޭއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ، އޭނާ ބެންޗުން ފޮނުވާލަން ރެފްރީ ނިންމި ސަބަބެއް އަދިވެސް ނޭނގޭ ކަމަށެވެ.

"އަހަންނަކަށް ނޭނގެ ކީއްވެގެން ކަމެއް ރެފްރީ އަހަރެންގެ މަސައްކަތް ހުއްޓުވަން ޖެހުނީ،" ޗެލްސީގެ ކޯޗު ބުންޏެވެ. "ރެފްރީގެ ފަރާތުން އަހަރެންނަށް އެކަމާ ގުޅޭގޮތުން ބަހެއް ލިބުމުން ނޫނީ އަހަރެންވެސް އިތުރު ކޮމެންޓެއް ކުރާކަށް ނެތިން."

އެ މެޗު ހޫނުވާން ދިމާވީ ކާޑިފް އިން ކުރިހޯދާފައިވަނިކޮށް ޗެލްސީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑާ ހިސާބުންނެވެ. ކާޑިފްގެ ކީޕަރު ކީޕަރު ޑޭވިޑް މާޝެލް ބޯޅަ ހިފަހައްޓައިގެން މެޗު ލަސްކުރުމަށް މަސައްކަތް ކޮށް ބޯޅަ ބައުންސް ކޮށްލިވަގުތު ސަމުއެލް އެޓޫ ބޯޅައިގައި ޖަހައި ފޮނުވާލުމުން އެޑިން ހަޒާޑު ވަނީ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ. އަދި ރެފްރީ އެއީ ލަނޑެއް ކަމަށް ނިންމުމުން ކާޑިފް އިން ވަނީ ގިނައިރުތަކެއް ވަންދެން މެޗު އޮފިޝަލުންކައިރީ ޝަކުވާ ކޮށްފަ އެވެ.

މޮރީނިއޯ ބުނީ މެޗު ލަސްކުރުމަށް ކާޑިފްގެ ކުޅުންތެރި ކުރި މަސައްކަތަކީ ފީފާގެ ގަވާއިދާ ޚިލާފް އަމަލެއް ކަމަށެވެ. އަދި އެޓޫގެ އަމަލު އޭނާ ވަނީ ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ.

"އަހަރެން ޓިކެޓްގަނެގެން އެމެޗު ބަލަން ވަދެ އިންނަމަ، ކުޅިބަލާ މީހެއްގެ ހައިސިއްޔަތުން އަހަންނަށްވެސް ވަރަށް ބޮޑު މަސައްލައަކަށް ވާނެ، މެޗުގެ ގިނަ ވަގުތު އެއްބަޔަކު ބޯޅަ ބޭރަށް ފޮނުވާލާފައި، އިދި ކޮޅު ޓީމުގެ ކުޅުންތެރިން ބޯޅަ އަނބުރާ ކުޅުމުގެ ތެރެއަށް ގެންނަން މަސައްކަތް ކުރާތަން ބަލަން. ކޮންމެ ފަހަރަކު އެވެރެޖްކޮށް އެބަނަގާ 21.5 ސިކުންތު. މިއީ ބޭކާރު ކުރެވޭ ފައިސާތަކެއް،" މޮރީނިއޯ ބުންޏެވެ. "90 މިނިޓުގެ މެޗެއް ބަލަން ލާރި ދީގެން ޓިކެޓް ގަންނަނީ. އެކަމަކު އެގޮތަށް ކުޅުމުގެ ތެރެއިން ބޯޅަ ބޭރަށް ދުއްވާލާ ވަގުތު 21.5އާއި ގުނަ ކޮށްފިއްޔާ މެޗު ބަލާލަން މިލިބެނީ 55 ނުވަތަ 60 މިނިޓު... އަހަރެން ދެކޭގޮތުގައި ގަވާއިދު މުގުރާލުމަކީ މިއީ."

މޮރީނިއޯ ބުނީ ބޯޅަ ހޯދުމަށް އެޓޫ އަމަލުކުރީ ވަރަށް ވިސްނުން ތޫނުކޮށް ކަމަށާއި އެހެން ނަމަވެސް މާޝަލްގެ އެ އަމަލްތަކަކީ ގޯލްކީޕަރުންނަށް ވާން ބޭނުންވާ މީހުންނަށް ވެސް ދެވޭ ނުރަނގަޅު މެސެޖެއް ކަމަށެވެ.

ފީފާގެ ގަވާއިދުގެ 12 ވަނަ މާއްދާގައި "ގޯލް ކީޕަރު ބޯޅަ ހިފުމަށްފަހު ބޯޅަ ބައުންސް ކުރާ ވަގުތާއި އަދި ވައިގެ ތެރެއަށް ޓޮސްކުރާ އިރު ބޯޅަ އޮންނަނީ ކީޕަރުގެ ބެލުމުގެ ދަށުގައި،" ކަމަށް ބުނާ މައްސަލައިގައި މޮރީނިއޯ ބުނީ، "އެ ހާލަތުގައި ފީފާއިން އެއީ ފައުލެއް ކަމަށް ބުނާނަމަ، އެއީ ފައުލެއް،" ކަމަށެވެ.

އެހެން ނަމަވެސް މޮރީނިއޯ ބުނީ، ފީފާ ގަވާއދިގައި ބުނާގޮތުން ގޯލް ކީޕަރަށް ބޯޅަ އަތަށް ނަގައިގެން ހުރެވޭނީ ހަ ސިކުންތު ކަމަށް ބުނާއިރު ކާޑިފްގެ ކީޕަރު ވަނީ ބޯޅަ ނަގާ ކޮންމެ ފަހަރަކު 30 ވަރަކަށް ސިކުންތު ވަންދެން ބޯޅަ ހިފަހައްޓާފައި ކަމަށާއި އެ ހާލަތުގައި ފީފާގެ ގަވާއިދާ ޚިލާފުވާނީ ކީޕަރު ކަމަށެވެ.