ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް އިލެކްޝަންސުން ނުވަ ގަޑިއިރު މިއަދު ދީފައިވާ އިރު ވޯޓްލާން ހަމަޖެހިފައިވާ ތަނުގެ މައުލޫމާތު ހޯދަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ 1414 ނަމްބަރުގެ ހިދުމަތަށް މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.

ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ވޯޓްލާ މީހުންގެ ނަން ލިސްޓް އާއްމުކޮށް، ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހެނދުނުން 9:00 އިން ފެށިގެން ހަވީރު 6:00ގެ ނިޔަލަށް އިލެކްޝަނުން ވަނީ ހުޅުވާލައިފަ އެވެ.

ނަމަވެސް އެމީހާކު ވޯޓް ލުމަށް ހަމަޖެހިފައިވާ ތަނުގެ މައުލޫމާތު ހޯދުމަށް އެކޮމިޝަނުން ކަނޑައަޅާފައިވާ 1414ގެ ނަމްބަރަށް އެސްއެމްއެސް ކުރުމުން ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާތައް ދަނީ ލިބެމުންނެވެ. މީގެ އިތުރުން 1414 އަށް ނުގުޅޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުންޏެވެ.

މި ޝަކުވާ ތަކާ ގުޅިގެން ސަން ނިއުސްޓީމުން 1414 އަށް އެސްއެމްއެސް ކުރުމުން މައުލޫމާތު ސާފުކޮށްދިނުމުގައި ސާވާގެ މައްސަލަތަކެއް ދިމާވެފައި ވާތީ އެކަމަށް މައާފަށް އެދޭ ކަމަށާއި ކުޑަ އިރުކޮޅެއް ފަހުން އަލުން ޗެކްކޮށްލުމަށް އެދި މެސެޖެއް ފޯނަށް ލިބެ އެވެ. ހެނދުނު 1030 އެހާ އިރު ވެސް ލިބެނީ އެ މެސެޖެވެ. 1145 ވީ އިރު ވެސް އެ މައްސަލަ ހައްލެއް ނުވެ އެވެ. އެއް ފަހަރަކު "Message Retries Over" މިހެން ވެސް ޖަވާބު އެސްއެމްއެސް ލިބުނެވެ.

އިލެކްޝަންސް ކޮމިޝަންގެ 1414 ނަމްބަރުން ފޯނަށް ޖަވާބު ދެއްވި އޮފިޝަލު މިއަދު ވިދާޅުވީ އެސްއެމްއެސް މެދުވެރިކޮށް މައުލޫމާތު ސާފުނުކުރެވިގެން އުޅެނީ އެކޮޅުގެ ސިސްޓަމް ޑައުން ވެފައި ހުރުމުން ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިންޓަނެޓް މައްސަލައެއް އުޅޭތީ އެ ނަމްބަރަށް ގުޅުމުން ވެސް މިވަގުތު މައުލޫމާތު ސާފުކޮށްދެއްވަން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ނަމްބަރު ބިޖީ ވަނީ އެއްފަހަރާ ދެ ތިން ހަރަތު މީހުން ގުޅައިގެން އުޅޭތީ ކަމަށް އިލެކްޝަނުން ބުންޏެވެ.

http://www.sun.mv/albums/l_20756.jpg

އިލެކްޝަންސް ކޮމިޝަނުން ގާއިމް ކޮށްފައިވާ 1414 މި ނަމްބަރަކީ އެސްއެމްއެސް ފޮނުވައިގެން ވޯޓުލުމަށް ހަމަޖެހިފައިވާ ތަނުގެ މައުލޫމާތު ސާފުކުރުމުގެ އިތުރުން ހިލޭ އެނަމްބަރަށް ގުޅައިގެން ވެސް މައުލޫމާތު ސާފުކުރުމަށް ކަނޑައަޅައިފައިވާ ނަމްބަރެކެވެ. ނަމަވެސް ކެނޑިނޭޅި އެ ނަމްބަރު ހުންނަނީ ބިޒީކޮށެވެ.