ޕެރިސް (އޮކްޓޯބަރ 22): އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެޖެންސީން ފަރަންސޭސި ރައްޔިތުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ޖާސޫސީ ހަރަކާތްތަކެއް ހިންގަމުން ގެންދާކަމުގެ މީޑިޔާ ރިޕޯޓްތަކަކާ ގުޅިގެން އެގައުމުގައި ހުންނަވާ އެމެރިކާގެ ސަފީރު ކުއްލި ގޮތެއްގައި ޚާރިޖީ ވުޒާރާ އަށް ޙާޒިރުކޮށް އެކަމާ ބެހޭ ގޮތުން ސުވާލުކޮށްފައިވާނެ ކަމަށް ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރެންޓް ޕެބިއޮސް ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅިގެން ރޭޑިޔޯ ޔޫރަޕް ވަން އަށް ދެއްވި ބަޔާނެއްގައި ޕެބިއޮސް ވިދާޅުވީ އެމެރިކާ އިން ފަރަންސޭސި ރައްޔިތުންގެ ފޯންކޯލްތައް އަޑުއަހައި އެމީހުންގެ އީ މެއިލްތައް ސިއްރިޔާތުގައި ބެލުން ފަދަ ޖާސޫސީ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާކަމުގެ ރިޕޯޓްތައް ފަތުރާފައި ވަނީ ފަރަންސޭސި މަޝްހޫރު ނޫހެއް ކަމަށްވާ "ލުމޯންދް" އިންކަމުގަ އެވެ. މިއީ ފަރަންސޭސިވިލާތް ކަންބޮޑުވާ ކަމެއް ކަމަށާއި ޕެރިހުގައި ހުންނަވާ އެމެރިކާގެ ސަފީރު ޗާލްސް ރިފްކެން ކުއްލި ގޮތެއްގައި ޚާރިޖީ ވުޒާރާ އަށް ޙާޒިރުކޮށް ސުވާލުކުރެވުނީ މިކަމުގެ ހަގީގަތާ ބެހޭ ގޮތުން ކަމަށް ވެސް ފެބިއޮސް ވިދާޅުވި އެވެ. މިމައްސަލައާ ގުޅިގެން އެއްވެސް ބަޔާނެއް ދެއްވުމަށް އެމެރިކާގެ ސަފީރުވަނީ ދެކޮޅު ހައްދަވާފަ އެވެ. އަދި މިމައްސަލައާ ގުޅިގެން ދެގައުމުގެ ގުޅުމަށް ބުރޫނާރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަރަންސޭސި ދާޚިލީ ވަޒީރު މަނުއަލް ވާލްސަން ވިދާޅުވީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި 2013 ވަނަ އަހަރުގެ ޖަނަވަރީ މަހާ ދެމެދު ވެސް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެޖެންސީން ފަރަންސޭސި ރައްޔިތުންގެ 70 މިލިޔަނަށް ވުރެ ގިނަ ފޯންކޯލްތައް ސިއްރިޔާތުގައި އަޑުއަހައި ރެކޯޑްކޮށްފައިވާ ކަން "ލޮމޯންދް"ގައިވާ ރިޕޯޓުން ހާމަވާ ކަމަށާ މިއީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއްނޫން ކަމުގަ އެވެ. މިމައްސަލައާ ގުޅިގެން ފަރަންސޭސިވިލާތުން އެމެރިކާދެކެ ރުޅި އައިސްފައިވާ އިރު މިކަމުގެ ސަބަބުން އެދެގައުމުގެ ގުޅުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށްވަނީ ބެލެވިފަ އެވެ.

އެމެރިކާ އިން ދުނިޔޭގެ ގައުމުތަކުގެ އިތުރުން ޚުދު އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ޖާސޫސީ ހަރަކާތްތަކެއް ފުޅާދާއިރާއެއްގައި ހިންގަމުންގެންދާ މައްސަލަ ބޭޒާރުކޮށްލީ އެމެރިކާގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި އެމެރިކާގެ ރައްޔިތެއްކަމަށްވާ އެޑްވަޑް ސްނޯޑެން އެވެ. މިމައްސަލައާގުޅިގެން ސްނޯޑެން ހައްޔަރުކުރުމަށް އެމެރިކާ މަސައްކަތްކުރުމުން އޭނާ ވަނީ ރަޝިޔާ އިން ސިޔާސީ ހިމާޔަތް ހޯދާފަ އެވެ. (ރޮއިޓާސް)