ހދ. ކުރިނބީގައި އެމްޑީޕީ އާއި ޕީޕީއެމް އަށް ސަޕޯޓްކުރާ ފަރާތްތަކުގެ މެދުގައި ހަމަނުޖެހުމެއް ހިނގައި އެ ދެ ޕާޓީގެ ހުރިހާ ބެނާ އަކާއި ޕޯސްތަރުތަކަކެއް ހަލާކުކޮށްލައިފި އެވެ.

ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހު ވެސް ވަނީ "ސަން" އަށް އެކަން ކަށަވަރު ކޮށްދީފަ އެވެ. އަދި އެ މައްސަލަ މިހާތަނަށް ފުލުހުންނަށް ހުށަނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިނބީގައި ހުންނަ ސަންގެ މޮނީޓާ ބުނީ ރޭ ހިނގި އެ ހަމަނުޖެހުމުގައި ކުރިނބީގައި ހުރި އެމްޑީޕީގެ ކެމްޕެއިން ހުރިހާ ބެނާއެއް ޕީޕީއެމްގެ ސަޕޯޓަރުން ކަނޑާފައިވާ އިރު ޕީޕީއެމްގެ ހުރިހާ ބެނާއެއް އެމްޑީޕީގެ ސަޕޯޓަރުން ކަނޑާލާފައިވާ ކަމަށެވެ. އަދި އެ ދެ ޕާޓީގެ ހުރިހާ ދިދަފަތިތަކަކާއި ކެމްޕެއިން ބޯޑްތައް ވެސް ވަނީ ހަލާކުކޮށްލާފައި ކަމަށް އޭނާ ބުންޏެވެ.

"މި ރަށުގައި ބޮޑަށް އޮންނަނީ ޕީޕީއެމް އާއި އެމްޑީޕީ، އެ ދެ ޕާޓީގެ ޖަގަހަ ނޫނިއްޔާ ނެތް ސިޔާސީ ޕާޓީއެއްގެ އެއްވެސް އެއްޗެއް މަގުމަތިން ފެންނާކަށް، ހުރިހާ އެއްޗެއް ހުރީ ކަނޑާލާފައި." ސަންގެ މޮނީޓާ ބުންޏެވެ.

އޭނާ ބުނީ އެ ބެނާތައް ކަނޑާލާފައި ވަނީ ވަޅި ފަދަ ތަކެތި ބޭނުންކޮށްގެން ކަމަށެވެ. އެ ހަމަނުޖެހުންތަކުގައި އެއްވެސް މީހަކާ ތަޅާފޮޅާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ އެ ރަށު ޕީޕީއެމްގެ ބެނާތައް އެމްޑީޕީގެ ސަޕޯޓަރުން ކަނޑާކަމަށް ތުހުމަތުކޮށް ޕީޕީއެމްގެ ސަޕޯޓަރުން އެމްޑީޕީގެ ބެނާތައް ކަނޑަން ފެށުމުން ކަމަށެވެ.