ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލު ކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ޑޭޓާބޭސް އަށް ރާއްޖެ އިންނާއި ރާއްޖެ އިން ބޭރުން އެޓޭކް ކުރަމުން ދިޔަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދިޔައީ ބުނަމުންނެވެ. އަދި އެ ކޮމިޝަންގެ ޑޭޓާބޭސް ވެސް އޭރު ހުރީ ރައްކާތެރިކޮށް ކަމަށް އެކޮމިޝަނުން އޭރު ގެންދިޔައީ ބުނަމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ދެވަނަ ފަހަރަށް އިންތިހާބު ނުބޭއްވިގެން ކެންސަލްކުރުމުގެ ކުރިން އިލެކްޝަންސްގެ ޑޭޓާބޭސް އަށް އެއްވެސް ފަރާތަކުން ވަދެ ޑޭޓާތަކާ ކުޅެމުން ގެންދާ ކަމެއް އިލެކްޝަންސް ކޮމިޝަނުން ޔޯލަކޮށްލައިފައި ވެސް ބުނެފައެއް ނުވެ އެވެ.

"އަޅުގަނޑުމެންގެ ސާވާގެ ތެރެއަށް ވަދެ ޑޭޓާ ބޭސް ބަޔަކު ހަލާކުކުރަމުން އެބަގެންދޭ. ސުމްރީމް ކޯޓަށް އެތައް ބައިވަރު ލޮގްތަކަކާއި އެއާ ބެހޭ އެތައް މައުލޫމާތެއް ހުށަހަޅަން އެންގި. އެގޭ ފަހުން އަޅުގަނޑުމެންގެ ސިސްޓަމް މިހާރު މިއޮތީ ވަރަށް ބޮޑަށް 'ހުޅުވާލެވިފައި'." އިންތިހާބު ނުބޭއްވިގެން ކެންސަލްވި ފަހުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މީޑިއާގައި ވިދާޅުވި އެވެ. އެހެން ކަމުގައިވާ ނަމަ އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި އިލެކްޝަންސްގެ ޑާޓާ ބޭސް އަށް "ގަވާއިދުން އެކްސެސް ލިބެން ނުޖެހޭ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ގިނަ ފަރާތްތަކަކަށް އެކްސެސް ލިބޭ ގޮތަށް" ހުރި ކަމަށް ބުނެފައި ވަނީ ކީއްވެގެންތޯ އެވެ.

އިލެކްޝަންސް ކޮމިޝަންގައި ގާއިމްކޮށްފައިވާ ވޯޓާސް ރަޖިސްޓްރީ ހިމަނާފައިވާ ޑޭޓާބޭސް އަށް ބަޔަކު ކެނޑިނޭޅި "އެޓޭކް" ކުރަމުން ގެންދިޔަ ކަމަށާއި ނަމަވެސް ޑޭޓާތައް ހުރީ ރައްކާތެރިކަމާ އެކުގައި ކަމަށް ދެވަނަ ފަހަރަށް ބާއްވަން އުޅުނު އިންތިހާބު ކެންސަލް ވުމުގެ ކުރިން ފުއާދު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ކޮމިޝަންގެ އައިޓީ ޑިޕާޓްމަންޓަށް އެ އެފަދަ އެޓޭކްތައް ހުއްޓުމުގެ ގާބިލް ކަން ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ކުއްލިއަކަށް ވާހަކަތައް ބަދަލުވީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އިންތިހާބު ނުބޭއްވިގެން ކެންސަލްވި ހިސާބުންނެވެ.

ފުއާދު ވިދާޅުވީ ސުޕްރީމް ކޯޓަށް އެކޮމިޝަންގެ އެތައް ބައިވަރު ކޮމްޕިއުޓަރުތަކެއްގެ މައުލޫމާތުތަކާއި އެތައް ބައިވަރު ސިސްޓަމެއްގެ ލޮގްތަކެއް ހުށަހަޅަން ޖެހުމުން މިހާރު މައްސަލަތަކެއް ޖެހެމުންދާ ކަމަށާއި އޭގެ ކުރިން އެކޮމިޝަންގެ ޑާޓާތައް ހުރީ ވަރަށް ރެސްޓްރިކްޓެޑް ބައެއްގެ އަތުގައި ކަމަށެވެ.

ނަމަވެސް ފުލުހުން ބުނި ގޮތުގައި ސުޕްރީމް ކޯޓުގެ ބޭނުމަށް ފުލުހުން ފޮރެންސިކް ޓީމުން ބޭނުން ކުރި މައުލޫމާތުތަކީ ވޯޓްލީ މީހުންގެ ރަޖިސްޓްރީ ލިސްޓާއި އިލެކްޝަންސް ކޮމިޝަންގެ ބެލޮޓް ޕްރޮގްރެސް ރިޕޯޓިންގް ސިސްޓަމް (ބީޕީއާރުއެސް)ގެ އެކްސެސް ލޮގެވެ. އަދި އެ ލޮގްގައި ހިމެނިފައިވާ މައުލޫމާތަކީ ސާވާއަށް އެކްސެސްވެފައިވާ ފަރާތްތަކުގެ އައިޕީ އެޑްރެސްތަކާއި ތާރީހާއި ވަގުތު ކަމަށާއި އެ މައުލޫމާތަކީ އެއްވެސް ތަނެއްގެ ވެބްސައިޓަކަށް ނުވަތަ ވެބްސާވާއަކަށް ޕެނެޓްރޭޓް ކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް ވެސް ބުންޏެވެ.

އެހެންކަމުގައިވާ ނަމަ ފުރަތަމަ ބުރުގެ އިންތިހާބު ބާތިލު ކުރިފަހުން ފާއިތުވެގެން ދިޔަ ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި އެފަދަ ކަމެއް ހިނގާފައިވާ ނަމަ އެކަމެއް އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅުތަކެއް އެޅިފައި ނުވަނީ ކޮން ސަބަބަކާ ހުރެތޯ މިއީ ވެސް ސުވާލު އުފެދޭ ކަމެކެވެ. އިލެކްޝަންސް ކޮމިޝަންގެ ސާވާއަށް ބޭރުން ބަޔަކު ވަދެ ކުޅެ ހަދާފައިވާ އިރު އެ މައްސަލަތައް ކަމާ ބެހޭ އެއްވެސް ފަރާތަކާ އެކޮމިޝަނުން ހިއްސާކޮށް އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތްކޮށްފައި ނުވަނީ ކީއްވެގެންތޯ އެއީ ވެސް ސުވާލު އުފެދޭ ކަމެކެވެ. އަދި އެކަމަށް އެއްބާރުލުން މިހާތަނަށް ވެސް ދީފައިނުވަނީ ކީއްވެގެންތޯ އެވެ.

ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން އެ މައްސަލާގައި ނެރެފައިވާ ބަޔާނެއްގައި ބުނީ "އިލެކްޝަންސް ކޮމިޝަންގެ ސާވާ އަށް ބޭރުން ވަދެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާއި ހަވާލާދީ މީޑިއާގައި ފެތުރިފައިވާ ހަބަރާ ގުޅިގެން މިކަން ހިނގާފައިވާ ގޮތެއް ބެލުމަށް ކަމާ ގުޅުން ހުރި މައުލޫމާތު މި ސެންޓަރާ ހިއްސާކުރުމަށް ވާނީ އިލެކްޝަންސްގައި އެދިފައި" ކަމަށެވެ. "ނަމަވެސް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ސެންޓަރަށް ލިބިފައެއް ނުވާ" ކަމަށެވެ.

އޭގެ އިތުރުން އެންސީއައިޓީން ބުނީ އިލެކްޝަންސްގެ ސާވާ ރައްކާތެރިކުރުމުގެ ނިޒާމެއް އެ ސެންޓަރުން ގާއިމްކޮށްފައި ވާނެ ކަމަށާއި އެކަން ކޮށް ނިމުނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި އެ މަސައްކަތް އެތަނުގެ މުވައްޒަފުން ކޮށްފައި ވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށާއި އިލެކްޝަންސްގެ އެއްވެސް ސިއްރު މައުލޫމާތެއް އެކަމުގެ ތެރޭގައި ހޯދާފައި ނުވާނެ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ. އަދި ބުނެފައި ވަނީ އެކަން ކުރީ އީސީގެ ޓެކްނިކަލް މުވައްޒަފުންގެ ހާޒިރުގައި ކަމަށެވެ. އެހެން ކަމުގައިވާ އިރު ކޮމިޝަންގެ ޑޭޓާ ބޭސް އަށް ބަޔަކު ވަދެ ޑާޓާތަކާ ކުޅެ ހަދާފައި ވަނީ އިންތިހާބު ފުރަތަމަ ފަހަރު ބާތިލުކުރި ފަހުންތޯ ނުވަތަ ދެވަނަ ފަހަރު އިންތިހާބު ކެންސަލްވި ހިސާބުންތޯ އެވެ؟

އިލެކްޝަންސްގެ ޑޭޓާ ބޭސް ރައްކާތެރިކަމާ އެކު ބެލެހެއްޓުމަކީ އެކޮމިޝަންގެ ޒިންމާއެއް ކަމުގައިވާއިރު އެކަމާ މެދު ފިޔަވަޅުތަކެއް ނޭޅި އޭގެ ތެރެއަކަށް ބަޔަކަށް ވަދެ ކުޅެމުން ގެންދާ ކަމަށް އެ ކޮމިޝަނުން ބުނާ އިރު އެފަދަ ގޮތަކަށް ޑޭޓާތައް ބަޔަކު ބަދަލު ކުރި ނަމަ އެކަމެއް ތަހުގީގު ކުރެވެން ޖެހެ އެވެ. އަދި އެކަންތައް ބެލުމަށް އެންސީއައިޓީން އިސްނެގުމުން ވެސް އެކަމަށް އެ އެކޮމިޝަނުން އެއްބާރުލުން ނުދިނީ ކޮން ސަބަބަކާ ހުރެތޯ ވެސް ބެލެން ޖެހެ އެވެ.