22 Oct 2013, 09:29
ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިއަދު ހެނދުނު 9:00 އަކުން ހަވީރު 6:00 އަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ އެލިސްޓް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށާއި އަދި އެ ރަށެއްގައި ވޯޓްލާ ފަރާތްތަކުގެ ލިސްޓް އެ ރަށްރަށުގެ ކައުންސިލްތަކުން ލިބެން ހުންނާނެ ކަމަށެވެ. އަދި މާލޭގައި ވޯޓްލާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަންގެ ރަޖިސްޓުރޭޝަން މައި މަރުކަޒުގައި ފެންނަން ހުންނާނެ ކަމަށް އިލެކްޝަން އިން ބުންޏެވެ.
އެ ލިސްޓުގެ މައުލޫމާތް 1414 އަށް ގުޅައިގެން ނޫނީ އެސްއެމްއެސް ފޮނުވައިގެން ވެސް ސާފްކުރެވޭނެ ކަމަށް އިލެކްޝަން އިން ބުންޏެވެ.
އިލެކްޝަންސް އިން ބުނީ އެލިސްޓަށް ޝަކުވާ ހުށައަޅާނީ ރަޖިސްޓްރީއާ ބެހޭ ޝަކުވާ ހުށައަޅާ ފޯމުން ކަމަށެވެ. އަދި އެ ފޯމް ދޫކުރުމާއި ބަލައިގަތުން އެކޮމިޝަންގެ ރިސެޕްޝަން އާއި ރިޔާސީ އިންތިހާބު ރެޖިސްޓުރޭޝަން މައި މަރުކަޒުންނާއި ހުރިހާ ރަށެއްގެ ވެސް ކައުންސިލް އިދާރާ އިން ލިބެން ހުންނާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން އިން މިހާރު ހަމަޖައްސާފައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރު މިއަންނަ މަހުގެ 9 ވަނަ ދުވަހު އަދި ދެވަނަ ބުރު އެ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށެވެ.