22 Oct 2013, 09:08
ނިއުދިއްލީ (އޮކްޓޯބަރ 22) : ޕާކިސްތާނާ އިންޑިޔާ ގުޅޭ ސަރަހައްދީ ރޮނގުގެ މައްސަލައަކީ ދާޚިލީ ޙައްސާސީ މައްސަލައެއް ކަމަށާއި އެ މައްސަލައިގެ ތެރެއަށް ތިން ވަނަ ފަރާތެއް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށް އެގައުމުން ބުނެފި އެވެ.
އިންޑިޔާގެ ޚާރިޖީ ވަޒީރު ސަލްމާން ޚުރްޝީދު ވިދާޅުވީ، އިންޑިޔާ އާއި ޕާކިސްތާން ގުޅޭ ކަޝްމީރުގެ އެއްފަޅި ކަމަށްވާ އާޒާދެ ކަޝްމީރު ޕާކިސްތާނުން ކޮންޓްރޯލްކުރާ އިރު އަނެއްފަޅި ކަމަށްވާ ޖަންމޫ ކަޝްމީރު ވަނީ އިންޑިޔާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާ ކަޝްމީރުގެ މައްސަލައަކީ އެ ދެ ގައުމު ވާހަކަ ދައްކައިގެން ހައްލުކުރަން ޖެހޭ މައްސަލައެއްކަމުގަ އެވެ. މިމައްސަލައިގެ ތެރެއަށް ބޭރުގެ އެއްވެސް ގައުމަކަށް ވަނުމުގެ ޖާގަ މިހާތަނަށް އިންޑިޔާ އިން ދީފައިނުވާނެ ކަމަށާއި މުސްތަގްބަލްގައި ވެސް ނުދޭނެ ކަމަށް އިންޑިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ކަޝްމީރުގެ ދިގުލީ މައްސަލަ ހައްލުކުރުމަށް ޓަކައި އެމައްސަލައިގެ ތެރެއަށް އެމެރިކާ އިން ވަނުމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝަރީފް ގޮވާލައްވާފައިވާ ކަމުގެ މީޑިޔާ ރިޕޯޓްތަކެއް އިންޑިޔާގެ ބައެއް ނޫސްތަކުގައި އިއްޔެ ޝާއިޢު ކުރުމާ ގުޅިގެންނެވެ. ޖަންމޫ ކަޝްމީރުގެ ރައްޔިތުން އިންޑިޔާގެ ދަށުގައި ތިބޭން ބޭނުންވާތީ އެ ސަރަހައްދުގެ ރައްޔިތުންގެން ދަނީ މިނިވަން ކަމަށްޓަކައި އިންޑިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ގޮތަށް އެމީހުންގެ މުސްތަޤްބަލް ކަނޑައެޅުމުގެ ފުރްސަތު ދިނުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ.
އދ.ގެ މިގަރާރަށް ޕާކިސްތާން މަރްހަބާ ކިޔާފައިވާ އިރު އިންޑިޔާ ވަނީ މިގަރާރު ގަބޫލުކުރުމަށް ދެކޮޅު ހަދާފަ އެވެ. އިންޑިޔާ ދެކޮޅު ހެދުމުގެ ސަބަބުން އދ.ގެ މިގަރާރަށް އަމަލުނުކުރެވި އޮންނަތާ ވަނީ 40 އަހަރަށްވުރެ ދިގުމުއްދަތެއް ވޭތުވެފަ އެވެ. ނަމަވެސް މިމައްސަލާގައި އިންޑިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސަލާމަތީ މަޖިލީހުން މަސައްކަތްކޮށްފައެއްނުވެ އެވެ.
ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު ބައިވެރިއެއްގެ ދައުރު އަދާކުރުމަށް އެމެރިކާ ވަނީ އެތައް ފަހަރަކު އިންޑިޔާ އަށާއި ޕާކިސްތާނަށް ހުށަހަޅާފަ އެވެ. ނަމަވެސް އިންޑިޔާ ވަނީ މިއީ އެގައުމުގެ ދާޚިލީ މައްސަލައެއް ކަމަށް ސިފަކޮށް މެދުވެރިއެއްގެ ބައި އަދާކުރުމުގެ ފުރްސަތު އެމެރިކާއަށް ވެސް އަދި އެހެން ގައުމަކަށް ވެސް ދިނުމަށް ތަކުރާރުކޮށް ދެކޮޅު ހަދާފަ އެވެ.
އާޒާދެ ކަޝްމީރާއި ޖަންމޫ ކަޝްމީރުގެ ދެމެދުގައިވާ އިންޑިޔާ އާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގަކީ ލައިން އޮފް ކޮންޓްރޯލެވެ. މިއީ ސައްޙަ ސަރަހައްދީ ރޮނގެއް ކަމަށް އިންޑިޔާ ވެސް އަދި ޕާކިސްތާން ވެސް ގަބޫލެއް ނުކުރެ އެވެ. އެހެންކަމުން ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިޔާއާއި ޕާކިސްތާނުގެ ސިފައިން ހަމަލާތައް ވަރަށް ގިނައިން ބަދަލުކޮށް ދެފަރާތުން ވެސް މީހުން މަރުވަމުންދެ އެވެ.
އިންޑިޔާގެ ޚާރިޖީ ވަޒީރު ސަލްމާން ޚޫރަޝީދު އިއްޔެ ވިދާޅުވީ ކަޝްމީރު ސަރަހައްދުގައި އިންޑިޔާއާއި ޕާކިސްތާނުގެ ސިފައިން އަދި ވެސް ހަމަލާތައް ބަދަލުކުރަމުންދާ ކަމަށާ މިއީ އިންޑިޔާ ކަންބޮޑުވާ ކަމެއް ކަމުގަ އެވެ. (ރޮއިޓާސް)