ދާޚިލީ ކަންކަން އަމިއްލައަށް ހައްލުކުރުމުގެ ހިކްމަތާއި ގާބިލްކަން ދިވެހިންނަށް ލިބިގެންވާކަމަށް ގަބޫލުކުރާ ކަމުގައި ޗައިނާ ސަރުކާރުން ބުނެފި އެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ރާއްޖޭގައި ހަމަނުޖެހުން އުފެދިފައިވާ ނާޒުކު މި ދަނޑިވަޅުގައި ރާއްޖޭގެ ހާލަތާމެދު ޗައިނާއިން ދެކޭގޮތް ހާމަކުރަށްވަމުން އެ ގައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ހުއާ ޗުންޔިން ވިދާޅުވީ ރާއްޖެއަކީ އަމިއްލައަށް ކަންކަން ނިންމުމުގެ ގާބިލްކަން ލިބިގެންވާ ގައުމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

"ޗައިނާ ސަރުކާރުން ގަބޫލުކުރަނީ، ރާއްޖޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގެ ހިކުމަތާއި ގާބިލްކަން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ލިބިގެންވާ ކަމަށް،" ހުއާ ޗުންޔިން ވިދާޅުވި އެވެ.

ޗައިނާއިން ބުނެފައިވަނީ، ރިޔާސީ އިންތިޚާބަކީ ދިވެހިން އަމިއްލައަށް ނިންމަންޖެހޭ ކަމެއް ކަމަށާއި އަދި އެކަމާގުޅިގެން މައްސަލައެއް އުފެދިއްޖެނަމަ އެކަން ހައްލުކުރާނީވެސް ދިވެހިން އަމިއްލައަށް ކަމަށް ދެކޭ ކަމަށެވެ.

"ރިޔާސީ އިންތިޚާބަކީ ދިވެހިންގެ ދާޚިލީ ކަމެއް. ޗައިނާ ސަރުކާރުން ދިވެހި ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރާނަން. އަދި އުންމީދު ކުރަނީ އިންތިޚާބާ ގުޅޭގޮތުން އުފެދިފައިވާ މައްސަލަތައް، ކަމާގުޅޭ އެންމެހާ ފަރާތްތަކުން އެކުވެރިކަމާއެކު ގުޅިގެން މަޝްވަރާކޮށް، އެކަންކަމަށް ހައްލެއް ހޯދާނޭ ކަމަށް،" ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ހުއާ ޗުންޔިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެޔޮއެދޭ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން ޗައިނާއިން އަބަދު ވެސް ދިވެހިރާއްޖޭގެ ހާލަތު ވަރަށް ކައިރިން ބަލަމުން ދާކަމަށާއި އަދި ރާއްޖެއަށް ހަމަޖެހުން ލިބުމަށް އެދޭކަމަށެވެ.

"ޗައިނާ ސަރުކާރުން އެދެނީ ރާއްޖޭގެ ސުލްހަމަސަލަސްކަމާއި އިޖްތިމާއީ ކުރިއެރުން ފުރިހަމަ ގޮތެއްގައި ގާއިމް ވުން،" ތަރުޖަމާނު ވިދާޅުވި އެވެ.