22 Oct 2013, 00:03
ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ވޯޓާސް ލިސްޓުގައި ރިޔާސީ ކެންޑިޓޭޓުން ސޮއި ނުކުރެއްވިޔަސް އިންތިޚާބު ދެން އިތުރަށް ފަސް ނުކޮށް ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.
~މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރި ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވާ ގައިޑްލައިނުގެ ފަސް ވަނަ ނަމްބަރުގައި ބުނެފައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓާސް ލިސްޓު ސައްހަ ކަމަށް އެއްބަސްވާން ޖެހޭނެ އެވެ.
އިލެކްޝަންސް ކޮމިޝަންގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ނާއިބު ރައީސް އަހްމަދު ފަޔާޒު ހަސަން ވިދާޅުވީ ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ނުކުރައްވައިފިނަމަ ސޮއި ކުރެއްވީ ކަމަށް ބައްލަވާފައި އިންތިޚާބާއިގެން ކުރިއަށް ވަޑައިގަންނަވާނޭ ކަމަށެވެ.
"މިސާލަކަށް ހަ ގަޑިއިރު ނުވަތަ ހަތްގަޑިއިރު ނޫނީ ކޮންމެ ވެސް މުއްދަތެއް ދީފައި އަޅުގަނޑުމެން ދަންނަވަން ޖެހޭނީ އެ މުއްދަތުގެ ތެރޭގައި އެބޭފުޅުން ސޮއި ނުކުރަށްވައިފިއްޔާ އަޅުގަނޑުމެން ބަލަން ޖެހޭނީ ދެން އެ ހިސާބުން އެ ހެރީ ސޮއި ކުރެވިފައި ކަމަށް. ނޫނީ އެބޭފުޅުން އޭގައި ސޮއި ނުކުރަށްވާނޭ ކަމަށް. ދެން އެކަމަކު އިންތިޚާބާއިގެން އަޅުގަނޑުމެން ޖެހޭނީ ކުރިއަށް ދާން،" ފަޔާޒު ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބާއްވަން އުޅުނު ރިޔާސީ އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ފަހު ވަގުތު ވެސް ސޮއި ނުކުރެއްވުމުން، އިލެކްޝަންސް ކޮމިޝަނުން ނިންމީ އިންތިހާބައިގެން ކުރިއަށްދާށެވެ.
ފަޔާޒު ވިދާޅުވީ މިފަހަރު އިންތިޚާބު ބާއްވަން "ޓައިމް ފްރޭމެއް" ކަނޑައަޅުއްވާފައި ކަމަށާއި އެ މުއްދަތުގެ ތެރޭގައި އިންތިޚާބު ކުރިއަށް ގެންދަވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެ ކޮމިޝަނުން ޓައިމްފްރޭމް ތައްޔާރުކޮށްފައި ވަނީ، ކެންޑިޑޭޓުންނާ މަޝްވަރާކުރެއްވުމަށްފަހު އެބޭފުޅުން އެދިވަޑައިގަންނަވާ ގޮތް ވެސް ބައްލަވާފައި ކަމަށެވެ.
"އަޅުގަނޑުމެން ވެސް މި ޓައިމް ފްރޭމް ހެދިއިރު އެބޭފުޅުންނާ މަޝްވަރާކޮށްފައި އެބޭފުޅުން އެދިވަޑައިގެންނެވި އެދިވަޑައިގަތުންތައް ވެސް ނޯޓު ކޮށްފައި، އެ އާއި އަޅުގަނޑުމެންނަށް ދެވެން އޮތް ވަގުތާއެކުގައި އެ ޓައިމްފްރޭމް މުޅިން ނިންމާލެވިފައި މި ވަނީ،" ފުއާދު ވިދާޅުވި އެވެ.
އިލެންޝަން ކޮމިޝަނާއި ފުލުހުންނާ ދެމެދު ނުތަނަވަސް ކަމެއް އުފެދިފައިވާ މި ދަނޑިވަޅުގައި ވޯޓުލުމުގައި ސެކިއުރިޓީ ބަލަހައްޓަން ނިންމަވާފައި ވަނީ ކިހިނަކުންތޯ "ސަން"އިން ސުވާލު ކުރުމުން ކޮމިޝަންގެ މެންބަރު ޢަލީ މުޙައްމަދު މަނިކު ވިދާޅުވީ، މިފަހަރު އެބޭފުޅުން ސަލާމަތީ ކަންކަމުގައި އެއްބާރުލުން ހޯއްދަވާނީ ސިފައިންގެ ފަރާތުން ކަމަށެވެ.
"ސެކިއުރިޓީގެ ކަންތަކުގައި އަޅުގަނޑުމެންނަށް އެމްއެންޑީއެފްގެ އެއްބާރުލުން ލިބޭނޭ ކަމަށް އެބޭފުޅުން އެބަ ވިދާޅުވޭ. އެހެންވީމާ އެއްވެސް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ސަބަބަކީ އެބޭފުޅުންގެ ހުންނާނެ ލޯންޗުތަކާ އެއްޗެހި ވެސް ފުލުހުންނަށް ވުރެ ވެސް ބޮޑެތި އުޅަނދު ފަހަރު. އެހެންވީމާ ވޯޓު ފޮށިތައް ތަންތަނަށް ގެންދިއުމުގައި އެބޭފުޅުންގެ އެއްބާރުލެއްވުން އަޅުގަނޑުމެންނަށް ލިބޭނެ،" މަނިކު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ނުބޭއްވޭނޭ ކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވި ނަމަވެސް އެ ކޮމިޝަނުން މިރޭ ބުނީ މިފަހަރުވެސް އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ގާނޫނު އަސާސީއާ އެއްގޮތަށް އަދި ސްޕްރީމް ކޯޓުގެ ގައިޑް ލައިނާ ވެސް އެއްގޮތަށް ކަމަށެވެ.