ސުޕްރީމް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވާނަމަ އެ އިންތިހާބުގައި ވާދަކުރުމަށް ތައްޔާރަށް ތިއްބެވި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ބާއްވާ އިންތިހާބެއްގައި އެމްޑީޕީން ވާދަ ކުރާނެ ކަމަށް މޫސަ މިރޭ ވިދާޅުވިއިރު، މަޖިލީހުގެ އިދާރާގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މޫސާ އިއްޔެ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނާ އެއްގޮތަށް ބާއްވާ އިންތިހާބެއްގައި އެމްޑީޕީން ދެން ބައިވެރިނުވާނެ ކަމަށެވެ. ހޮނިހިރު ދުވަހު އިންތިހާބު ބާއްވާފައި ނުވާތީ ސުޕްރީމް ކޯޓުގެ ހުކުމުގެ ބާރު މިހާރު ކެނޑިފައިވާ ކަމަށް ވެސް މޫސަ އިއްޔެ ވިދާޅުވެފައިވެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް މޫސަ މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮންމެ ގައިޑްލައިނަކާ ހަދައިގެން ވެސް "ވޯޓު އަޅާނަމަ" އެމްޑީޕީއަށް މައްސަލައެއް ނެތް ކަމަށާއި ގައިޑްލައިނެއް ނުހެދިޔަސް "ވަގަށް ކުރަންޖެހޭ ކަމެއް ނެތް" ކަމަށެވެ.

"އަޅުގަނޑުމެންނަށް މާބޮޑު ކަމެއް ނޫން މިއީ. ވަރިހަމަ ހުރިހާ ގައިޑްލައިނެއް ހަދައިގެން ވިޔަސް [އިންތިހާބު] ބޭއްވިޔަސް މައްސަލައެއް ނެތޭ. އަޅުގަނޑުމެން ވަގަށް ކުރަންޖެހޭ ކަމެއް، ވަގަށް ޖަހާނެ ފިންގާ ޕްރިންޓެއް. ވަގަށް ލާނެ ވޯޓެއް ނޯންނާނެކަން އެންމެނަށް އިނގޭނެ،" މޫސަ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާންކޮށްފައި ވަނީ އަންނަ މަހުގެ ނުވައެއްގައި ރިޔާސީ އިންތިހާބު ފުރަތަމަ ބުރު ބޭއްވުމަށާއި ދެ ވަނަ ބުރު އަންނަ މަހު 16ގައި ބޭއްވުމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން ވިދާޅުވީ އިންތިހާބު ބާއްވާނީ ރާއްޖޭގެ ގާނޫނު އާސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެގޮތަށް ބާއްވާ އިންތިހާބެއްގައި ސުޕްރީމް ކޯޓުންކޮށްފައިވާ ހުކުމަށް ވެސް އަމަލު ކުރާނެ ކަމަށެވެ.

ނޮވެމްބަރު 11ގެ ކުރިން ރައީސަކު ހުވާކޮށް، އެ މަގާމަށް މީހަކު އައްޔަން ކުރަންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވިޔަސް އެ ތާރީހުގެ ކުރިން ރައީސަކު އިންތިހާބު ނުކުރެވިއްޖެނަމަ އަމަލު ކުރަންޖެހޭނެ ގޮތް ނިންމާނީ ރައްޔިތުން ކަމަށް މޫސާ މިރޭ ވިދާޅުވި އެވެ.

"ނޮވެމްބަރު 11ގެ ފަހުން ކަމެއް ކުރަން ޖެހިއްޖެނަމަ އެ ހާލަތުގައި ކަންތައްތައް ކުރަންވާ ގޮތް އަޅުގަނޑުމެން ކަނޑައަޅާނީ. ދިވެހި ރައްޔިތުން އެކަން އެކި ގޮތްގޮތަށް ނިންމާނީ،" މޫސާ ވިދާޅުވި އެވެ.

"ނުވައެއްގެ ކުރީގައި ވެސް ހިންތިހާބެއް ބޭއްވިއްޖެއްޔާ އެއްވެސް ކަހަލަ ޝައްކެއް ނެތް ދެވަނަ ބުރުކާ ދޭތެރޭ، ނުވެސް ވިސްނާނަން. މާތްﷲ އިދާރަ ކުރެއްވިއްޔާ އެއްބުރުން މިކަން ކާމިޔާބު ކުރާނަން،"