30 Nov 2010, 07:08
ސަރުކާރުގެ އަމާޒަކީ، ރާއްޖެއަށް ކުރިމަތިވެފައިމިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ހުރިހާ ދިމާއަކުން އެޅެންހުރި ބާރުތައް އަޅައި، ހޯދެންހުރި މަގުތައް ހޯދައި، އަދި ހައްލު ގެނެވެންހުރި މިންވަރަށް ހައްލު ގެންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން އެކަމުން ދުރުހެލިކުރުވުމަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ "ޖާނީ" ގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށާއި ޑްރޮޕް- އިން ސެންޓަރު ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ބާރުގަދަ މަސްތުވާތަކެތި ބޭނުންކުރުން މަދުކުރުމަށްޓަކައި އަޅާން އޮތީ އެންމެ ފިޔަވަޅެއް ދެ ފިޔަވަޅެއް ނޫނެވެ. ޖުމްލަ ގޮތެއްގައި އިޖްތިމާއީ ހުރިހާ ކަމެއްގެ ހައްލު ހޯދޭތޯ ބަލަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކުރިއަށް މިއޮތް ދުވަސްތަކުގައި މަސްތުވާތަކެތި ބޭނުންކުރުން ރާއްޖެއިން މުޅިން ފުހެލެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށާއި އެހެންނަމަވެސް، މިކަން ހިނގަމުން އަންނަ މިންވަރަށް ބަދަލެއް ގެނައުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރާނެ ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް އެ ޙައްލުތައް ހޯދޭނެކަމަށް. އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް މިރާއްޖޭގައި އެ ޤާބިލިއްޔަތު އެބަހުރިކަމަށް. އަޅުގަނޑު ދެކެނީ އަޅުގަނޑުމެންގެ ޒުވާނުންނަށް މިކަމުން ސަލާމަތްވެވޭނެ ކަމަށް"، ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ އަސާސީ ފަސް ވައުދުގެ ތެރޭގައި މަސްތުވާތަކެއްޗަށް ހުޅުވިފައިހުރި ދޮރުތައް ނައްތާލުން ހިމެނޭކަން ފާހަގަކުރައްވަމުން، ސަރުކާރުގެ އަސާސީ އަމާޒަކަށް މިދެންނެވި މަސައްކަތް ހަދަން ޖެހުނީ، ރާއްޖޭގެ ހާލަތަށް ބެލުމުގައި މިހާރުން މިހާރަށް ކުރާން މަޖުބޫރުވެފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު ކަމެއްދޭން ޖެހޭ އެއްކަމަކީ މަސްތުވާތަކެތީގެ މައްސަލަކަމަށް ވެފައިވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި، ވިދާޅުވީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މިންވަރު ކޮންމެވެސް ވަރަކަށް މަދުކުރެވިފައިވާ ކަމަށެވެ.