ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އަންނަ މަހުގެ ނުވަ ވަނަ ދުވަހު އަދި ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި އެވެ.
މިރޭ އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ އިންތިޚާބު އިއުލާން ކޮށްފައި ވަނީ ހުރިހާ ކެންޑިޑޭޓުންގެ މަންދޫބުންނާއި ސަރުކާރު ފަރާތުން ކަނޑައެޅި މަންދޫބާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ކަމަށެވެ.
"ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން ބައިވެރިވި މަންދޫބުންނާއި އަދި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ބޭފުޅަކާ އެކު އަޅުގަނޑުމެން މިވަނީ މަޝްވަރާތަކެއް ބާއްވާފައި. އަދި އެބޭފުޅުންގެ ހުށަހެޅުންތައް އަޅުގަނޑުމެން މިވަނީ އަޑުއަހާފައި. ދެން އޭގެ މައްޗަށް ބަލާފައި އަޅުގަނޑުމެން މިއަދު އެކުގައި މި މަސައްކަތް ކުރީ ރިޔާސީ އިންތިޚާބެއް އެންމެ އަވަހަށް ބޭއްވޭނެ ދުވަހަކީ ކޮބައިތޯ،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެބޭފުޅުން ހުށަހެޅި ކަންތައްތަކާ މެދު އެ ކޮމިޝަންގެ ޓެކްނިކަލް ބޭފުޅުންނާ ވެސް މަޝްވަރާ ކުރައްވާފައިވާނެ ކަމަށާއި އިންތިޚާބު ބާއްވާނެ ގޮތުގެ ޓައިމްލައިނެއް މާދަމާ އާންމު ކުރައްވާނެ ކަމަށެވެ.
"ދެން އަޅުގަނޑުމެންގެ ޓެކްނިކަލް ސްޓާފުންނާ ވެސް މަޝްވަރާކޮށްފައި، އަދި ހޯދަން ޖެހޭ އެހެނިހެން މައުލޫމާތު ވެސް ހޯދާފައި، އެގޮތުން ކަނޑައަޅަން ޖެހޭ މުއްދަތުތައް ކަނޑައެޅުމުގައި، މިހުރިހާ މަސައްކަތަކަށް ފަހު އަޅުގަނޑުމެންނަށް ނިންމަން މިޖެހުނީ ފުރަތަމަ ބުރެއް ބާއްވާ ނަމަ ބޭއްވުމަށް ދެންއެމްނެ އެކަށީގެންވާ، އަޅުގަނޑުމެންނަށް އޮތް ފުރުސަތަކީ، ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަސްކަން،" ފުއާދު ވިދާޅުވި އެވެ.
ކޮމިޝަންގެ ނާއިބު ރައީސް އަހްމަދު ފަޔާޒު ހަސަން ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ވޯޓާސް ލިސްޓް އާންމު ކުރުމަށް ފަހު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މާދަމާ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ގައިޑުލައުންތަކާ އެއްގޮތަށް އިންތިޚާބު ނުބޭއްވޭނެ ކަމަށް އެ ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް ނޫސްވެރިންގެ ސުވާލުތަކަށް މިރޭ ޖަވާބުދެއްވަމުން ފުވާދު ވިދާޅުވީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އިންތިޚާބު ބާއްވާނީ ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކާ އެއްގޮތަށް ކަމަށެވެ.
އިނގިލީގެ ނިޝާން ވެރިފައި ކުރުމާ ގުޅޭ ގޮތުން ފުވާދު ވިދާޅުވީ އިނގިލީގެ ނިޝާން ވެރިފައި ކުރަން ޖެހިއްޖެ ނަމަ އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިފަހަރު ވެސް ނިންމާފައި މިވަނީ ފޯމްތަޖުގައި އިނގިލީގެ ނިޝާން ޖާހާގޮތަށް. ދެން ސަރުކާރުގެ ކަމާގުޅޭ ދާއިރާތަކުން ވަނީ އިނގިލީގެ ނިޝާން ވެރިފައިކުރުމަށް ކުރަން ޖެހޭ ކަންތަތައް ހަމަޖައްސަވާނޭ ކަމުގެ ޔަގީންކަން ދެއްވާފައި ވަނީ،" ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސްގެ ޑޭޓާބޭސް އަށް ރާއްޖެއާއި ބޭރުގެ ފަރާތްތަކުން ވަދެ ޑޭޓާތައް މީގެ ކުރިން ބަދަލުކޮށްފައިވާ އިރު އެކަން ތަކުރާރު ވިޔަނުދިނުމަށް ޓަކައި ނޭޝަނަލް ސެންޓަފޯ އިންފޮމޭޝަން ޓެކްނޮލޮޖީ(އެންސީއައިޓީ)އާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ދެން އިންތިހާބަކަށް ދާއިރު އެ ދޮރުތައް ބަންދު ކުރައްވާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން އެންސީއައިޓީ އިން ދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.