21 Oct 2013, 20:27
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޑޭޓާބޭސް ގޮލް ސުޕްރީމް ކޯޓާ ހަވާލު ކުރި ފަހުން ބަދަލު އަންނަ ކަމަށް އެ ކޮމިޝަނުން ތުހުމަތު ކުރާތީ ފުލުހުން ރައްދު ދީފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ބޭނުމަށް ފުލުހުން ފޮރެންސިކް ޓީމުން ބޭނުން ކުރި މައުލޫމާތުތަކީ ވޯޓްލީ މީހުންގެ ރަޖިސްޓްރީ ލިސްޓާއި އިލެކްޝަންސް ކޮމިޝަންގެ ބެލޮޓް ޕްރޮގްރެސް ރިޕޯޓިންގް ސިސްޓަމް (ބީޕީއާރުއެސް)ގެ އެކްސެސް ލޮގު ކަމަށެވެ. އެ ލޮގްގައި ހިމެނިފައިވާ މަޢުލޫމާތަކީ ސާވާއަށް އެކްސެސްވެފައިވާ ފަރާތްތަކުގެ އައިޕީ އެޑްރެސްތަކާއި ތާރީޚާއި ވަގުތު ކަމަށާއި އެ މައުލޫމާތަކީ އެއްވެސް ތަނެއްގެ ވެބްސައިޓަކަށް ނުވަތަ ވެބްސާވާއަކަށް ޕެނެޓްރޭޓް ކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ބީޕީއާރުއެސްގެ ލޮގް ފިޔަވައި އިތުރު އެއްވެސް ލޮގެއް ނުވަތަ އެ ކޮމިޝަނުގެ އެއްވެސް ޑޭޓާއެއް ސުޕްރީމް ކޯޓުން ފުލުހުންގެ ފޮރެންސިކާ ހަވާލުކޮށްފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.
"މި ސަރވިސްގެ ފޮރެންސިކް ޓީމަށް، ދެންނެވިފައިވާ އެކްސެސް ލޮގްލައިޒްކުރަން އެކަށީގެންވާ ވަގުތު ލިބިފައި ނެތުމުންނާއި ބީޕީއާރުއެސް އާ ބެހޭ ޓެކްނިކަލް މަޢުލޫމާތެއް އިލެކްޝަން ކޮމިޝަނުން މިސަރވިސްއަށް ފޯރުކޮށްދެއްވާފައި ނުވާތީ ޓެކްނިކަލް އެނަލިސިސްއެއް ހެދިފައި ނުވެއެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ އައިޑީ ކާޑް ޑާޓާބޭސްގައިވާ މަޢުލޫމާތުތަކާއި އިލެކްޝަންސް ކޮމިޝަންގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ދިވެހި ރައްޔިތުންގެ މަޢުލޫމާތު އިންޓަރނެޓް ސައިޓެއްގައި ޝާއިއު ކުރި ކަމަށެވ. އަދި އެ މައުލޫމާތު ވެބްސައިޓެއްގައި އާންމު ކުރީ އިލެކްޝްންސް ކޮމިޝަންގެ މުހިއްމު މަޢުލޫމާތު ރައްކާކުރެވިފައިވާ އެއް ވެބް މުހިއްމު ސާވާއަކަށް ބަޔަކު އެކްސެސްވެގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އެފަދަ ކަމެއް ނުހިނގާނެ ކަމަށް ބުނެ، އެ ކޮމިޝަނުން އެ މައްސަލަ ތަޙުގީގު ކުރުމަށް އެއްބާރުލުން ނުދިން ކަމަށް ފުލުހުންގެ ބަޔާނުގައު ބުނެފައިވެ އެވެ.
ނަމަވެސް ދިވެހި ރައްޔިތުންގެ މައުލޫމާތު ހިމެނޭ ޑޭޓާބޭސް ވެބްސައިޓެއްގައި އާންމުވުމާ ގުޅިގެން ކޮމިއުނިކޭޝްންސް އޮތޯރިޓީ އޮފް މޯލްޑިވްސްގައި އެދިގެން އެ ސައިޓަށް ރާއްޖެއިން ނުވަދެވޭ ގޮތަށް ބުލޮކްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރު ބޭރުގެފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން އެ ސައިޓު އިންޓަނެޓުން ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.