21 Oct 2013, 20:05
އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުމްހޫރީ ކޯލިޝަނާއި ޕީޕީއެމް، އެމްޑީއޭ ކޯލިޝަނުން ނިންމައިފި އެވެ.
ޖުމްހޫރީ ގުޅުމާއި ޕީޕީއެމް، އެމްޑީއޭ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ގައުމީ ޕާޓީގެ ނާއިބް ރައީސް އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މާދަމާ އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަންގެ މިހާރު ތިއްބެވި ހަތަރު ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް. ވެއްދުމަށް ފަހު އެބޭފުޅުން މަގާމުން ވަކިކުރުމުގެ މަސައްކަތް މާދަމާ އަޅުގަނޑުމެން ކުރާނަން،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެންބަރުން މަގާމުން ވަކިކުރުމަކީ ގައުމަށްޓަކައި މިއަދު ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އިކެލްޝަންސް ކޮމިޝަންގެ މެންބަރުން ރާވައިގެން އިންތިޚާބު އޮޅުވާލުމަށް މަސައްކަތް ކުރިކަން ސުޕްރީމް ކޯޓުގެ ހުކުމް އެނގެން އޮންނަ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނާ އެކު މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޕީޕީއެމް، އެމްޑީއޭ ކޯލިޝަނުން ވެސް ވަނީ ބުނެފަ އެވެ.