ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅާ މެންބަރަކު ހޮވުމަށްޓަކައި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދުގެ ނަން މަޖިލީހަށް ހުށަހެޅުމަށް ޖުމްހޫރީ ކޯލިޝަނާއި ޕީޕީއެމް، އެމްޑީއޭ ކޯލިޝަނުން ނިންމައިފި އެވެ.

ޖުމްހޫރީ ކޯލިޝަނާއި ޕީޕީއެމް، އެމްޑީއޭ ކޯލިޝަން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އިލްހާމްގެ ނަން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކު ހޮވުމަށްޓަކައި ތިން މެންބަރެއްގެ ނަން މަޖިލީހަށް ހުށަހަޅައި، މީގެކުރިން ނެގި ވޯޓުން އެއިން އެއްވެސް މެންބަރެއްގެ ނަން ވަނީ ފާސްނުވެފަ އެވެ. އެ ތިން މެންބަރުންނަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އާއި ޕީޕިއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު (އަޒީ)ގެ އިތުރުން ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.