ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ސޮއިކުރައްވައި މިއަދު މަޖިލީހުގެ މެންބަރުންނަށް ފޮނުއްވާފައިވާ ސިޓީއެއްގައި އެ މައްސަލަ އޮކްޓޯބަރު 28ގައި އެޖެންޑާކޮށްފައިވާކަން ވަނީ އަންގަވައިފަ އެވެ.

މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީގެ 26 މެމްބަރުން ސޮއިކުރައްވައި އާޒިމާ އަށް 14 ދުވަހުގެ ނޯޓިސް އެއް ފޮނުވާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.

އާޒިމާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކުރުމަށް އެދި ޖުމްހޫރީ ޕާޓީ އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އޭޖީ ތަދައްހުލްވެ، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް، ޖުމްހޫރީ ޕާޓީއާ އެއްކޮޅަށް ވަކާލާތު ކުރާ ކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލަ އެޖެންޑާކޮށްފައި ވަނީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ)ގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 10 މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށާއި އަދި މި މާއްދާގެ (ށ) ގައިވަނީ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހުށަހެޅުމަކާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސްކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެ ކަމަށެވެ. އަދި އެބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 177 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވަޒީރެއްގެ މައްޗަށް ހުށަހެޅޭ އިތުބާރުނެތްކަމުގެ މައްސަލައެއްގައި މަޖިލީހުގައި ބަހުސްކުރެވޭނީ ޖުމްލަ ދެ ގަޑިއިރެވެ.

އާޒިމާގެ އިތުރުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމުގެ މައްސަލައެއް ވެސް އެމްޑީޕީން ވަނީ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލާގައި ނާޒިމަށް ވެސް 14 ދުވަހުގެ ނޯޓިސްއެއް މަޖިލީހުން ފޮނުވާފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. ނަމަވެސް ނާޒިމްގެ މައްސަލަ އަދި މިހާތަނަށް އެޖެންޑާކޮށްފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ނާޒިމްގެ މައްސަލަ އެޖެންޑާ ކުރުމާ ބެހޭ ގޮތުން ވަކިއެއްޗެއް މާދަމާ ވިދާޅުވާނެ ކަމަށެވެ.