21 Oct 2013, 17:20
ގަދަބާރުން ރާއްޖޭގައި އިންތިހާބެއް ނުބޭއްވޭނެ ކަމަށާއި ގަދަބާރުން ބާއްވާ އިންތިހާބެއްގައި ދާނީ ލޭއޮހުރުވުމަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގަދަބާރުންނެއް ރާއްޖޭގައި އިންތިހާބު ބޭއްވުމުގެ ފުރުސަތެއް އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށެވެ.
"އިންޓަނޭޝަނަލް ކޮމިއުނިޓީ ކޮންމެ އެއްޗެކޭކިޔަސް. އަދި ސިޔާސީ ޕާޓީއަކުން ކޮންމެ އެއްޗެއް ކިޔަސް. މިއަދު އަޅުގަނޑުގެ އެންމެ މަތީ މަސްލަހަތަކީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަން. އެހެންވީމަ އެ ފުރުސަތު އަޅުގަނޑު ނުދޭނަން،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމާ ބެހޭ ގޮތުން އެމަނިކުފާނު އުއްތަމަފަނޑިޔާރާ ވެސް ދެ ފަހަރަށް ވާހަކަ ދެއްކެވި ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ބޭފުޅުންނާ ވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
"އެރޭ ހަތަރުދަމު އަޅުގަނޑު ވެސް އެކި ބޭފުޅުންގެ ލަފާ ހޯދިން. ސަރުކާރުގެ ޕޮޒިޝަނަކަށްވީ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިނުވެވޭ ގޮތަށް ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފަށް އެންމެ ކެންޑިޑޭޓަކު ބައިވެރިވެގެން ބާއްވާ އިންތިހާބަކަށް ސަރުކާރުން ތާއީދުނުކުރުން. އެހެންވީ ފުލުހުން ލިޔުމަކުން އިލެކްޝަންސް ކޮމިޝަނަށް އެންގެވި ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފަށް ބާއްވާ އިންތިހާބަށް އެއްބާރުލުން ނުދެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަދިވެސް ދަންނަވާނީ "މިރާއްޖޭގެ މަސްލަހަތުގަ އޮތްކަމެއް ނޫން އެންމެ ކެންޑިޑޭޓަކަށް ބައިވެރިވެވޭ ގޮތަށް އިންތިހާބު ބޭއްވުން" ކަމަށެވެ.
"މުޅި އިންޓަނޭޝަނަލް ކޮމިއުނިޓީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު އަޅުގަނޑަށް ޕްރެޝަރުކުރަމުން ގެންދިޔައީ ރައީސް ނަޝީދަށް ބައިވެރިނުވެވޭ އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށް. ކިތަންމެ ފަރާތަކުން ރައީސް ނަޝީދާ މެދު ފިޔަވަޅު އަޅަން މަސައްކަތްކުރި. އަޅުގަނޑު މިއަދު އުފާކުރަން ރައީސް ނަޝީދަށް ބައިވެރިވެވަޑައިގެންނެވޭތީ. ހަމައެގޮތަށް ރައީސް ނަޝީދު އުފާކުރައްވަން ޖެހޭނެ އެހެން ކެންޑިޑޭޓުންނަށް ވެސް ބައިވެރިވެވޭތީ. އެހެން ކެންޑިޑޭޓުންނަށް ބައިވެރިނުވެވޭ އިންތިހާބެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނުވާނެ،" ރައީސް ވަރަށް ހިތްޕުޅުހަމަޖެހިވަޑައިނުގެން ވިދާޅުވި އެވެ. "އެގޮތަށް ހިތްޕަވައިފިއްޔާ އެބޭފުޅާގެ މޯރަލް ޕްރިންސިޕަލާ ދޭތެރޭ އަޅުގަނޑުމެން ސުވާލުކުރަން ޖެހޭނެ."
ރައީސް ވިދާޅުވީ މިރާއްޖޭގައި ބާއްވާ އިންތިހާބު ވާން ޖެހޭނީ އިންސާފުވެރި ހުރިހާ ކެންޑިޑޭޓުންނަށް އެއްބަސްވެވޭ އުސޫލްތަކެއްގެ މަތިން ގިނަ ކެންޑިޑޭޓުންނަށް ބައިވެރިވޭ އިންތިހާބަކަށް ކަމަށެވެ.