21 Oct 2013, 17:09
ރަޝިޔާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ވޮލްގޮގްރޭޑްގެ މަގެއްގެ މަތީގައި ދުއްވާފައި ދިޔަ ފަސިންޖަރުން އުފުލާ ބަހެއްގެ ތެރޭގައި ބާރުގަދަ ގޮވުމެއް ގޮވައިފި އެވެ.
ނޭޝަނަލް އެންޓި ޓެރަރިޒަމް ކޮމެޓީން ބުނެފައިވަނީ އެ ހާދިސާގައި ފަސް މީހުން މަރުވެ، 17 މީހަކަށް އެކިވަރުގެ ސީރިއަށް ޒަޚަމްތައް ލިބިފައިވާ ކަމަށެވެ.
އިމަޖެންސީ ސިޓުއޭޝަންސް މިނިސްޓްރީގެ ތަރުޖަމާނު އައިރީނާ ވިދާޅުވީ ހޯމަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އެ ހާދިސާ ހިނގިއިރު ބަހުގައި 40 މީހުން ތިބި ކަމަށެވެ.
ދުނިޔޭގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ރަޝިޔާގެ ވެރިރަށް މޮސްކޯއާ 900 ކިލޯ މީޓަރު ދުރުގައި އޮންނަ ވޮލްގާ ކޯރު ކައިރިން ދުއްވާފައި ދިޔަބަހުގައި ނުރައްކާތެރި ގޮވުމެއް ގޮވާފައި މިވަނީ ބަޔަކު ގަސްތުގައި އެއްޗެއް ގޮށްވާލައިގެން ކަމެއް ނުވަތަ އެ އުޅަނދުގެ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ގޭސް ފުޅި ލީކުވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
"އަދި މިހާތަނަށް ހޯދުނު ހޯދުންތަކުން ލަފާ ކުރެވެނީ އެއީ ބަސް ދުއްވަން ހަކަތައިގެ ގޮތުގައި ބޭނުކުރާ ގޭސްފުޅި ލީކުވެގެން ގޮވީ ކަމަށް،" ވޮލްގޯގްރާޑުގެ ފުލުހުންނާ ހަމަލާދީ ރަޝީޔާގެ ނޫހެއްގައިވެ އެވެ.
އެހެން ނަމަވެސް އެ ސިޓީގެ ސަލާމަތީ ކަންތައް ބަލަހައްޓާ ފަރާތަކާ ހަވާލާދީ އިންޓަފެކްސް ނިއުސް އޭޖެންސީން ބުނެފައި ވަނީ، އެއީ ބަހުގައި ގޮވާ ޒާތުގެ އެއްޗެއް ހަރުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.
"އަދިމިހާތަނަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބަލާފައި ލަފާކުރެވެމީ ގޮތްނޭނގޭ ފާޑެއްގެ ގޮވާއެއްޗެއް ބޭނުން ކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް،" ނަން ހާމަނުކުރާ ސަލާމަތީ މަސްދަރަކުން އިންޓަފެކްސްއަށް މައުލޫމާތުދީފައިވެ އެވެ.