21 Oct 2013, 16:43
ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ޓަކައި ސިޔާސީ އިސްފަރާތްތައް އެކުގައި މަސައްކަތް ކުރަން ޖެހޭކަމަށް އެމެރިކާ އިން ބުނެފި އެވެ.
ރާއްޖެ އަށާއި ސްރީލަންކާ އަށް އެކްރެޑިޓްކޮށް، ސްރީލަންކާގައި ގާއިމްކޮށްފައިވާ އެމެރިކާ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ބައިނަލްއަޤްވާމީ މިންގަނޑުތަކަށްފެތޭ ފަދަ މިނިވަން، އިންސާފުވެރި އަދި ސައްޙަ އިންތިޚާބެއް، އަމާންކަމާ އެކު ބޭއްވުމަށްޓަކާ ސިޔާސީ އިސް ފަރާތްތަކުން އެކުގައި މަސައްކަތްކުރަން ޖެހޭ" ކަމަށެވެ. އަދި ބުނެފައި ވަނީ އެފަދަ އިންތިހާބެއް ބާއްވަން ޖެހެނީ ޕާޓިސިޕޭޓަރީ ޑިމޮކްރަސީ ބާރުކަނޑުވާ ނުލާނެކަން ކަށަވަރު ކުރުމަށް ކަމަށެވެ.
"ޕާޓިސިޕޭޓަރީ ޑިމޮކްރަސީގެ ބާރުކަޑުވާނުލާނެކަން ކަށަވަރުކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް
ފެތޭ ފަދަ މިނިވަން، އިންސާފުވެރި އަދި ސައްޙަ އިންތިޚާބެއް، އަމާންކަމާ އެކު ބޭއްވުމަށް ޓަކާ ސިޔާސީ އިސް
ފަރާތްތަކުން އެކުގައި މަސައްކަތްކުރަން ޖެހެ އެވެ،" ބަޔާނުގައިވެ އެވެ.
ރާއްޖޭގައި އިންތިހާބު ނުބޭއްވި ލަސްވުމުން ކަންބޮޑުވުން ފާޅުކުރުމަށް ނެރުނު އެބަޔާނުގައި ބުނެފައި ވަނީ އިންތިހާބު ލަސްކުރަން އެޅޭ އިތުރު ފިޔަވަޅުތަކުގެ ސަބަބުން ވެރިޔަކު ހޮވުމުގައި ރައްޔިތުންނަށް އޮންނަ އިޚުތިޔާރު ބަލިކަށިވެގެންދާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން 99 ވަނަ މާއްދާގެ ދަށުން ނޮވެމްބަރު، 11، 2013ގައި އައު ރައީސަކު ހުވައި ކުރަން ޖެހެ އެވެ. އިންތިޚާބު ލަސްކުރުމަށް އެޅޭ އިތުރު ފިޔަވަޅުތަކުން ވެރިޔަކު ހޮވުމުގައި ރައްޔިތުންނަށް އޮންނަ އިޚްތިޔާރު ބަލިކަށިކުރުމަށް މަގުފަހިވެގެން ހިނގައިދާނެ އެވެ،" ބަޔާނުގައިވެ އެވެ.
އިންތިހާބު އަލުން ބޭއްވުމަށް ސުޕްރީމްކޯޓުން ކަނޑައެޅި ޝަރުތުތަކަށް ބޯލެނބުމުގައި އިލެކްޝަންސް ކޮމިޝަނުން ރޭވުންތެރިކަމާ އެކު މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެމެރިކާގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"އިންތިޚާބުގެ ފުރަތަމަ ބުރު އަލުން ބޭއްވުމަށް ސުޕްރީމްކޯޓުން ކަނޑައަޅުއްވާފައިވާ ޝަރުތުތަކަށް ބޯލެނބުމުގައި އިލެކްޝަންސް ކޮމިޝަނުން ރޭވުންތެރިކަމާ އެކު މަސައްކަތްކޮށްފައިވެ އެވެ. މި މަސައްކަތުގެ ތެރޭގައި އެތަކެއް ހާސް ވޯޓުލާ މީހުން އަލުން ރެޖިސްޓްރީ ކުރުން ހިމެނެ އެވެ،" އެމެރިކާގެ ބަޔާނުގައި ބުނެފައިވެ އެވެ.