21 Oct 2013, 16:28
އއ. މަޑޫގަލި ރިސޯޓާއި ވެލިދޫ އައިލެންޑް ރިސޯޓްގެ ފެންވަރު އެކަށީގެންވާ ވަރަށް ވުރެ ދަށްވުމުން ޓޫރިޒަމް މިނިސްޓްރީން އެއިން ކޮންމެ ރިސޯޓެއް އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވީ އެ ދެ ރިސޯޓު ޖޫރިމަނާ ކުރުމަށް ފަހު ފައިސާ ދައްކަން އަންގާފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީގެ އެންގުމާ އެއްގޮތަށް އަމަލުނުކުރާ ނަމަ އެގްރިމަންޓްގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ދެ ރިސޯޓުގެ ފެންވަރު ހުރީ ވަރަށް ދަށް ހާލަތުގައި. އެކަންތައްތައް ރަނގަޅުކުރަން އެންގި ނަމަވެސް އަމަލުކޮށްފައެއްނުވޭ. އެހެންވެ ޖޫރިމަނާކުރަން ޖެހުނީ،" އަދީބު ވިދާޅުވި އެވެ.
މަޑޫގަލި ރިސޯޓަކީ އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ހުންނެވި ހަސަން އަފީފާއި މޫސާ ހަސަން އަދި ހުސެއިން ޝަރީފް ހިއްސާވާ ބްލޫ ލެގޫން އިންވެސްޓްމަންޓުން ހިންގާ ރިސޯޓެކެވެ. ވެލިދޫ އައިލެންޑް ރިސޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު މުހައްމަދު ރާމިޒްގެ ހިއްސާވާ ކުންފުންޏަކުން ހިންގާ ރިސޯޓެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ދެ ރިސޯޓް ޖޫރިމަނާކުރުމަށް ފަހު ފައިސާ ދައްކަން ދިން 30 ދުވަހުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވި އިރު ފައިސާ ދައްކާފައިނުވާ ކަމަށެވެ. އަދި އެ ފައިސާ ދެއްކުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ފައިސާ ނުދައްކައި ފިނަމަ ރިސޯޓް ހިންގުމުގެ ހުއްދަ ބާތިލުކޮށް އެގްރިމަންޓް ވެސް ބާތިލުކުރާނަން،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދެ ރިސޯޓުގެ ފެންވަރު މިހާރު ހުރީ ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވުރެ ދަށް ހާލަތުގައި ކަމަށެވެ.
"ކޮޓަރީގައި ފަންކާ އާއި އެއާކޯން ހުއްޓަސް ޓޫރިޒަމުން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ދަށްވެއްޖެ ނަމަ އެކަން ޖެހޭނެ ރަނގަޅުކުރަން. އެކަންތައް ރަނގަޅުކުރަން ތަކުރާރުކޮށް އަންގާފައިވާނެ،" އޭނާ ވިދާޅުވި އެވެ.