ގދ. ތިނަދޫ ބޭރުން ސޯމާލިޔާ ބައެއް ކަމަށް ބެލެވޭ ބަޔަކު ތިބި ޑިންގީއެއް ފެނިއްޖެ އެވެ.


އެމްއެންޑީއެފްގެ މޭޖާ އަބްދުއްރަހީމް ވިދާޅުވީ ތިނަދޫ ބޭރުން ފެނުނު ޑިންގީ ފެނިފައި ވަނީ ތިނަދޫ ބޭރުގައި މަސްވެރިކަމަށް ނުކުމެ އުޅުނު  ތިނަދޫގައި ދުއްވާ "ރިނީސް" ދޯންޏަށް ކަމަށެވެ.


ރިނީސް އަކީ ތިނަދޫގައި ދުއްވާ ފުވައްމުލަކު ދޯންޏެކެވެ.


ތިން މީހުން ތިބި ޑިންގީ ކަނޑުމަތިން ހިފެހެއްޓި ދޯނިން ވާހަކަ ދެއްކި މުހައްމަދު ހަސަން މިއަދު ބުނީ ޑިންގީ ފެނިފައިވަނީ މިއަދު 10:30 ގައި ކަމަށެވެ.


"ފުރަތަމަ އެމީހުން އަތުނުވާން ވަރަށް ބާރަށް ދުއްވި، އެކަމަކު އަޅުގަނޑުމެން ވަކި ހިސާބަކަށް ކައިރި ކުރުމުން މަޑުކުރީ،" މުހައްމަދު ހަސަން ބުންޏެވެ. "އެމީހުން ބުނީ އަތުވާން ދުއްވީ ފޭރޭ ބައެއް ކަމަށް ހީކޮށް ބިރުންނޭ. މީގެ ދުވަސް ކޮޅެއް ކުރިން ފޭރޭ ބަޔަކު ޑީންގީއަށް އަރައި އޭގެ ކެޕްޓަން ވަނީ މަރާލައި ކަނޑަށް އެއްލާލައިފައޭ،"


މުހައްމަދު ހަސަން ބުނީ ޑީންގީގައި ތިބި ތިން މީހުން ވެސް "އަނގަ ހުއްޓާނުލައި" ވާހަކަ ދައްކަމުން ދާ ކަމަށާއި އެއްވެސް މީހަކަށް އިނގިރޭސި ބަސް ނޭނގޭ ކަމަށެވެ.


"އަތްފައިގެ އިޝާރާތުން ކިޔައިދޭ ގޮތުން ލާފަ ކުރެވެނީ ހަތަރު މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް ފޭރޭ މީހުން އަރައި އެ މީހުންގެ ކެޕްޓަން މަރާލައި އިތުރު މީހެއްގެ ކަރުގައި ވަޅި އަޅުވައި ޒަޚަމްކޮށްލާފައި ދިޔައީ ކަމަށް،" ރިނީސް ދޯނިން ވާހަކަ ދެއްކި އަހުމަދު ބުންޏެވެ.


މުހައްމަދު ހަސަން ބުނީ ޑިންގީއަކީ 22 ފޫޓުގެ ޑިންގީއެއް ކަމަށާއި އޭގައި ދެ ފީފާ ޑީސަލާއި ގިނަ އަދަދެއްގެ ހުސް ފީފާތައް ހުރި ކަމަށެވެ. މީގެ އިތުރުން ވަރަށް ގިނަ އަދަދަކަށް ކިރާއި ސިނގިރޭޓާއި ކަދުރު ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.


"އެމީހުން ތިބީ ހާލުގައި ޖެހިފައެއް ނޫން. އެމީހުން ހަމަ ވަރަށް ވަރުގަދަ އެއްވެސް ކަހަލަ މައްސަލައެއް ނެތް،" މުހައްމަދު ހަސަން ބުންޏެވެ. ނަމަވެސް މުހައްމަދު ހަސަން ބުނީ ކަރުގައި ވަޅި އެޅުމުގެ ސަބަބުން ވަރަށް ފުންކޮށް ޒަޚަމްވެފައިވާ މީހާގެ ހާލު އެހާ ރަނގަޅު ނޫން ކަމަށެވެ. 


"އޭނާވެސް ވާހަކަ ދައްކާ އެބަހަދާ، ވަރުވެސް ދެރައެއް ނޫން،" މުހައްމަދު ހަސަން ބުންޏެވެ.


ޑިންގީގައި ތިބި މީހުން ދޯންޏަށް އަރުވައިގެން ރިނީސް ދޯނި ދަތުރު ކުރަމުންދަނިކޮށް މިއަދު މެންދުރު 1:30 ގައި ސިފައިން ވަނީ އެމީހުންނާ ހަވާލުވެ އެމީހުން ގދ. ކާޑެއްދޫއަށް ގެންގޮސްފަ އެވެ.


ތިނަދޫ ބޭރުން ސޯމާލިޔާ ބަޔަކު ޑިންގީގައި ދަތުރުކުރަނިކޮށް މިއަދު ފެނުނު އިރު ސޯމާލިޔާ ހަތް މީހުން ތިބި ޑިންގީއެއް މީގެ ދެ ދުވަސް ކުރިން ވަނީ ފުވައްމަލަކަށް ބަނދަރުކޮށްފައެވެ.