21 Oct 2013, 16:08
ފުލުހުން ރިޔާސީ އިންތިހާބު ހުއްޓުވީ ގާނޫނާ ހިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އިން ބުނެފައި ވަނީ ކޮން އަސާސެއްގެ ދަށުން ކަން ސާފުކޮށްދިނުމަށް އެކޮމިޝަންގައި ފުލުހުން އެދިއްޖެ އެވެ.
މިއަދު ފުލުހުން ނެރެފައިވާ ބަޔާންގައި ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބާއްވަން އުޅުނު އިންތިހާބު ހުއްޓުވަން ފުލުހުން ގާނޫނާ ހުލާފުވީ ކަމަށް ބުނެފައި ވާނީ ކޮން ގާނޫނަކާ ހިލާފުވެގެން ކަން ސާފުކޮށްދެނުމަށް އެދިފައިވާ ކަމަށެވެ.
އަދި އެޗްއާރްސީއެމް އިން އެހެން ބުނެފައި ވަނީ އެއްވެސް ތަހުގީގެއް ކޮށްގެންތޯ ބުނެދިނުމަށާއި އެގޮތަށް ވިދާޅުވީ ކޮން އަސާސެއްގެ ދަށުން ކަން ސާފުކޮށް ދިނުމަށް އެދި އެޗްއާރްސީއެމް އަށް ސިޓީއަކުން ދަންނަވައިފައިވާނެ ކަމަށެވެ.
"ފުލުހުން ޚިލާފުވެފައި ވަނީ ކޮން ގާނޫނަކަށްކަމާއި ފުލުހުން ގާނޫނާ ޚިލާފުވިކަމަށް ވިދާޅުވެފައި ވަނީ ތަހުގީގެއް ކުރެއްވުމަށް ފަހުތޯ ނުވަތަ އެގޮތަށް ވިދާޅުވެފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްފައިތޯ،" ފުލުހުން ނެރެފައިވާ ބާޔަނެއްގައި ބުނެފައިވެ އެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ސޮއިކުރައްވައި އިއްޔެ ހިއުމަން ރައިޓްސް ކޮމިޝަނަށް ފޮނުއްވި ސިޓީގައި އިންތިހާބު ހުއްޓުވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި އެއްވެސް ވަރަކަށް ބެލުމެއް ނެތި އާންމު މީޑިޔާތައް ބޭނުންކޮށްގެން އެޗްއާރްސީއެމް އިން ދައްކައިފައިވާ ވާހަކަތަކެއް ކަމަށް ބުނެފައިވެ އެވެ.
އެޗްއާރްސީއެމް އަށް ފޮނުވައިފައިވާ ސިޓީގައި 19 ވަނަ ދުވަހު ފުލުހުން މަސައްކަތްކޮށްފައި ވާނީ ސުޕްރީމް ކޯޓުގެ އަމުރަށް ކަމަށާއި ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެންގެ ހައްގު ރައްކަތެރި ކުރުމަށް ކަމަށް ބުނެފައިވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ފުލުހުންގެ ގާނޫނުގެ ހަ ވަނަ މާއްދާގެ ތިން ވަނަ ނަމްބަރުގައި ބުނެފައިވާ ގޮތަށް ކުރިމަތިވެދާނެ ދާޚިލީ ނުރައްކަލަކުން ރާއްޖެ ސަލާމަތްކުރުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.
http://www.sun.mv/uploads/l_34995253.jpg
ހަމައެއާ އެކު ސުޕްރީމް ކޯޓުގެ ނިންމުމާ ދެކޮޅަށް އިންތިހާބު ބައްވައިފި ނަމަ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލި ދިވެހިރާއްޖޭގައި ދާޚިލީ ހަމަނުޖެހުމެއް އުފެދިދާނެ ކަމަށް ދެކޭތީ އިންތިހާބުގައި ސަލާމަތި ކަންކަން ނުބެލެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝާންއަށް އެންގި ކަމަށް އެސިޓީގައި ބުނެފައިވެ އެވެ.