ނޮވެމްބަރު 11ގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ދެމިހުންނަވަން ބޭނުންފުޅުނުވާ ކަމަށާއި ނަމަވެސް މިވަގުތު އިސްކުރަން ޖެހެނީ ގައުމުގެ މަސްލަހަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބު ބޭއްވުން ކެންސަލްކުރުމާ ގުޅިގެން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބު އަންނަ މަހުގެ ނުވަ ދުވަހު ފުރަތަމަ ބުރު ބޭއްވުމަށް ފަހު ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އެ މަނިކުފާނު އަމަލުކުރައްވަން ޖެހޭ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނުވޭ ނޮވެމްބަރު 11ގެ ފަހުން ހަމަ އެންމެ ދުވަހަކު ވެސް މަގާމުގައި ދެމިހުންނާކަށް،" ރައީސް ވިދާޅުވި އެވެ. "ނޮވެމްބަރު 11ގެ ފަހުން ދާނެ އެރޭންޖްމަންޓެއް ނިންމާނީ އަޅުގަނޑެއް ނޫން. އެކަން ނިންމާނީ އެކަމަށް މަސްއޫލިއްޔަތު ނަންގަވަން ޖެހޭ އެހެން ފަރާތްތައް ވެސް އެބަހުރި. އޭގެ ތެރޭގައި ހަމައެކަނި އަޅުގަނޑު ގޮތެއް ނިންމައިގެން ރަނގަޅުވާނެހެނެއް ހިއެއްނުވޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސުޕްރީމް ކޯޓު ވެސް އަދި ރައްޔިތުންގެ މަޖިލިސް ވެސް މިކަމާ ބެހޭ ގޮތުން އެބަ ޖެހޭ ވިސްނާވަޑައިގަންނަވަން."

ރައީސް ވަހީދު ވިދާޅުވީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އިންތިންހާބު ބޭއްވި ނަމަވެސް އެ އިންތިހާބަކީ ހުރިހާ ކެންޑިޑޭޓުން އެއްބަސްވާ އުސޫލްތަކެއްގެ މަތިން އެންމެން ބައިވެރިވެގެން ބާއްވާ އިންތިހާބަކަށް ވެއްޖިއްޔާ ވަރަށް އުފާކުރައްވާނެ ކަމަށެވެ.

"ދެވަނަ ބުރަކަށް ދާން ނުޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ކޮންމެ ވެސް އެއްބޭފުޅެއް އެއްބުރުން ކާމިޔާބުކުރައްވާނެ ކަމަށް އަޅުގަނޑު ދެކެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައަޅައި އެކަމަށް ހުރިހާ ކެންޑިޑޭޓުން ވެސް ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ އިންތިހާބު ބޭއްވުމާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ވެސް އަންނަ މަހުގެ ދެ ވަނަ ދުވަހު ބޭއްވުމަށް ވާހަކަ ދެއްކި ކަމަށާއި އަދިވެސް އެ މުއްދަތުގައި އިންތިހާބު ބޭއްވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ގައުމުގެ މަސްލަހަތަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ މަސްލަހަތެއް ނޫން. މިގައުމު ހިންގަން ޖެހެނީ ތިން ބާރުން، އެގްޒެކްޓިވް ބްރާންޗުން ވެސް ލެގިސްލޭޓިވް ބްރާންޗުން ވެސް ޖުޑިޝަރީން ވެސް. މި ގައުމު ހިންގެވުމަށް މިތިން ބާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން އެބަޖެހޭ ގައުމަށްޓަކައި ވިސްނާވަޑައިގެން ރަނގަޅު ގޮތެއް ނެރުއްވަން،" ނޮވެމްބަރު 11ގެ ފަހުން އަމަލުކުރައް ވާނީ ކޮން ގޮތަކަށްތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނުގެ މަސްލަހަތު މިއަދު އެހުންނެވީ ދޫކޮށްލައްވައިގެން ކަމަށެވެ. އަދި އެހެން ބޭފުޅުން ވެސް ތިއްބަވާނީ އެގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ނުދަންނަވާނަން މިއީ (އިލެކްޝަންސް ކޮމިޝަންގެ)އެ ބޭފުޅުންނާ މެދު ފިޔަވަޅު އަޅަންވީ ވަގުތެއް ކަމަށް. އަޅުގަނޑުމެންނަށް އުނދަގޫ ވަގުތުތަކާ މީގެ ކުރިން ވެސް ކުރިމަތިވެއްޖެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިތިބީ ސަލާމަތްވެގެން. މިފަހަރު ވެސް އިރަދާކުރެއްވިއްޔާ ސަލާމަތްވެވޭނެ،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޮޑެތި ގައުމުތަކުގައި ޑިމޮކްރަސީ ތައާރަފްކޮށްގެން އުޅުނުއިރު ތަފާތު ދަތިތަކާ ކުރިމަތިވި ކަމަށެވެ. ނަމަވެސް މިހާ ހިސާބަށް އައިރު އެއްވެސް ލޭއޮހުރުވުމެއް ނެތި މައްސަލަތައް ހައްލުކުރެވިފައިވާ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ގައުމު މެނޭޖްކުރެވޭނެ. އަޅުގަނޑުމެންގެ ގައުމުގައި މިތިބީކީ އެހެނިން ގައުމުތަކުގައި އަދި ހުޅަނގުގެ ގައުމުގައި ތިބި މީހުންނަށް ވުރެ ދެރަ މީހުނެއް ނޫން. ނުކިޔަވާ ތިބި މީހުނެއްނޫން. ނާގާބިލް ބައެއް ނޫން. އަޅުގަނޑުމެންނަށް އެ މީހުންނާއެކީގައި އެއް ހަމައެއްގައި ފައި އެއްވަރުކުރެވޭނެ. އެހެންވީމަ އަޅުގަނޑުމެންނަށް މިކަން ހައްލުކުރެވެން ޖެހޭނެ މިއަދު. އަޅުގަނޑުމެން ކައިރިއަށް އައިސް އަޅުގަނޑުމެން ކަންކުރަންވީ ގޮތް ކިޔާދޭކަށް ވެސް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ނުރައްކަލާއި ރާއްޖެއަށް އޮތް ފުރުސަތު އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުން އަމަލުކުރަނީ ކޮމަންވެލްތާއި އެނޫން ވެސް ގައުމުތަކުން ފޮނުވާ މީހުންގެ ލަފާ ވެސް އަހައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިކަން އެންމެފަހުގެ ނިންމުން ނިންމާނީ އަޅުގަނޑުމެން. މީހުން އެއްޗެތި ވެސް ކިޔާނެ. އަޅުގަނޑާ ދިމާލަށް ވަރަށް ހުތުރު އެއްޗެތި އެބަ ކިޔާ. އިންޓަނޭޝަނަލް މީޑިއާގައި ވެސް މިއަދު އަޅުގަނޑަށް ވުރެ ގޯސް މީހެއް ނެތް. އެހެން ނަމަވެސް މިއަދު މިއަޅުގަނޑު ބަލަން ޖެހެނީ މީހުން ކިޔާ އެއްޗަކަށް ނޫން. މިއަދު އަޅުގަނޑު ބަލަން ޖެހެނީ މި ގައުމުގެ މަސްލަހަތަށް،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު ދިމާވެގެން އުޅެނީ ގާނޫނީ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މިއަދު ދިމާވެގެން އުޅެނީ ސިޔާސީ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކުރިމަތިވެގެން މިއުޅެނީ ސިޔާސީ މައްސަލައެއް. ސިޔާސީ މައްސަލަ ނިންމެވޭނީ ސިޔާސީ ލީޑަރުންނަށް،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވޭނީ މިއަދު މިގައުމުގެ އިސް މަގާމަށް ވަޑައިގަތުމަށް ކުރިމަތިލައްވާފައިވާ ތިން ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރައްވައިގެން ކަމަށެވެ.