21 Oct 2013, 15:29
ފަސް އަހަރުގެ ސަރޫ ބްރިޔަލީ އޭނާގެ ބޭބެޔާ އެއްކޮށް ރޭލެއްގައި އިންދާ ނިދުނެވެ. ހޭލެވުނުއިރު ރޭލުގައި އެކަކުވެސް ނެތެވެ. ފައިބަންވީ ތަނެއްވެސް ނޭނގި އެނާ ގެއްލުނީ އެވެ.
ނަސީބު ހުރިގޮތުން އޮސްޓްރޭލިޔާގެ އާއިލާއަކަށް ސަރޫ ބްރިޔަލީ އެރަށަށް ގެންގޮސް ބަލާ ބޮޑުކުރި އެވެ. އަދި ދުވަސްތައް ފާއިތުވެގެން ދިޔަވަރަކަށް އޭނާގެ އަސްލު އާއިލާ އަލުން ފެނުމުގެ އުއްމީދު ފަނޑުވަމުން ދިޔަ އެވެ.
ނަމަވެސް ސަރޫ ބްރިޔަލީ އަށް އޭނާ އިންޑިޔާގައި ކުޑައިރު އުޅުނު ހިސާބުގަނޑުގެ ތަސްވީރުކުރެވެ އެވެ. އޭނާގެ އަސްލު އާއިލާގެ މީހުންގެ މޫނުތައް ފަނޑުފަނޑުކޮށް ސިފަކުރެވެ އެވެ.
ދުނިޔޭގައި ޓެކްނޮލޮޖީގެ ދާއިރާއިން ނަން މަޝްހޫރު ގޫގުލް ކުންފުނިން ގޫގުލް މެޕްސްއޭ ކިޔުނު ކޮމްޕިއުޓާ ޕްރޮގްރާމެއް ތައާރަފްކޮށް ދުނިޔެއަށް ހުޅުވާލި އެވެ. ސަރޫ ބްރިޔަލީ އަށް މި ޓެކްނޮލޮޖީގެ މުހިންމުކަން ވިސްނުނެވެ. އޭނާގެ މާޒީގައި ހުރި ބާގަނޑުތައް ބެއްދުމަށް އޮތް ފުރުސަތެއްކަން ދެނެގަނެވުނެވެ.
ސަރޫ ބްރިޔަލީ އިންޑިޔާ އަށް ދިޔައެވެ. ކަލްކަޓާގެ މެޕު ހުޅުވައި އެރަށު ރޭލު ސްޓޭޝަން ހޯދައި އެތަނުގައި ބޮޅެއް އެޅިއެވެ. އެނާ ކުޑައިރު ދިރިއުޅުނު ގެ ހުންނާނެހެން ހީވި ހިސާބުގަނޑު ހަނދާނަށް ގެނެސް، ގޫގުލް މެޕްސްގައި ހުރި ތަސްވީރުތަކާ ދިމާވޭތޯ މަސައްކަތް ކުރި އެވެ.
ކުރި މަސައްކަތުން ސަރޫ ބްރަޔިލީ އަށް ގެއެއްގެ ކުރިމައްޗަށް އާދެވުނެވެ. ދޮރު ހުޅުވާލި އަންހެން މީހާ ފެނުމާއެކު އެއީ އޭނާގެ މަންމަ ކަން ސަރޫ ބްރިޔަލީއަށް އެނގުނެވެ. އަދި އޭގެ އެތައް އަހަރެއް ކުރިން އޭނާއަށް ގެއްލުނު ދައްތަމެންނާ ބޭބެ އޭނާއަށް ފެނުނެވެ.
މިއީ ގުގުލް ކުންފުނިން އެ މީހުންގެ ގޫގުލް މެޕްސް ޓެކްނޮކޮޖީ ކުރިއެރުވުމަށް ހެދި ވީޑިޔޯއެއްގައި ގެނެސްދީފައިވާ ހަގީގީ ވާހަކައެކެވެ. ފިތަކަށް އޮބާލައިގެން އަދުގެ ދުނިޔޭގައި ހާސިލުވެދާނެ ކަންކަމުގެ ކުޑަކުޑަ މިސާލެކެވެ.
http://www.youtube.com/watch?v=UXEvZ8B04bE