21 Oct 2013, 15:30
ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އަދި ރައްޔިތުން މަޖިލީހުގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ޝަހީދު ޒަކީގެ ބައްޕާފުޅު، މ. ނޫރާނީއާގޭ މުހަންމަދު ޒަކީ ރޭ އަވަހާރަވެއްޖެ އެވެ. ދައުލަތަށް 27 އަހަރު ވަންދެން ހިދުމަތް ކުރެއްވި މުހައްމަދު ޒަކީ އަވަހާރަވެފައި ވަނީ ރޭ ލަންކާގަ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 87 އަހަރެވެ. މުހައްމަދު ޒަކީ ސަރުކާރަށް ހިދުމަތް ކުރަން ފެއްޓެވީ 20 އޭޕްރީލް 1966 ގަ އެވެ. އެގޮތުން ވަޒީރުލް އައުޒަމްގެ އޮފީހުގެ ހާއްސަ ވަކީލުކަމާއި ދާހިލިއްޔާގެ ހާއްސަ ވަކީލުކަމާއި ޕޯސްޓް މާސްޓަރުކަމާއި ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޝަންގެ ވަކީލު ކަމާއި ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓްގެ މެނޭޖަރުކަމާއި މިނިސްޓްރީ އޮފް ފިޝަރީޒްގެ ހާއްސަ ވަކީލުކަމާއި މިނިސްޓްރީ އޮފްޖަސްޓިސްގެ ވަކީލުކަމާއި އެކައުންޓްސް ޑިވިޝަންގެ ވަކީލުކަމާއި ޕްރިޒްންސް ޑިވިޝަންގެ ވަކީލު ކަމާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ އިތުރުން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަމާއި ޑިރެކްޓަރުކަން ވެސް އޭނާ ކުރެއްވި އެވެ. މުހައްމަދު ޒަކީ ސަރުކާރުން ވަކިވެވަޑައިގަތީ މޭ 11، 1993 ގަ އެވެ. ވަކިވެވަޑައިގަތްނެވި އިރު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ޕަބްލިކް ވާކްސް އެންޑް ލޭބަގެ ޑިރެކްޓާ ކަމުގެ މަޤާމުގަ އެވެ. މުހައްމަދު ޒަކީ އަވަހާރަވި އިރު އެ މަނިކުފާނުގެ ދަރިކަލުން ޝަހީދު ޒަކީ ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަރަބިޔާގަ އެވެ. ޝަހީދު މިއަދު ސަން އަށް ވިދާޅުވީ ބައްޕާފުޅު އަވަހާރަވީ ވެއްޓިވަޑައިގެން "ހިޕް"ގެ އޮޕަރޭޝަނެއް ކުރެއްވުމަށް ފަހު އެ މައްސަލަ އަށް އިތުރު ފަރުވާ ހޯއްދެވުމަށް ލަންކާ އަށް މަންމާފުޅާ އެކު ވަޑައިގެން އުޅުއްވަނިކޮށް ކުއްލިއަކަށް ހިތްޕުޅު ހުއްޓިގެން ކަމަށެވެ. މުހައްމަދު ޒަކީ އަވަހާރަވި އިރު ޝަހީދު ޒަކީގެ އިތުރަށް ޝަހީދާ ޒަކީ އާއި އެ ދެ ބޭފުޅުންގެ މަންމާފުޅު ދުނިޔޭގައި އެބަ ތިއްބެވި އެވެ.