21 Oct 2013, 15:27
އިކޮނޮމިކް ޑެވޮލޮޕްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝިހާމް މުހައްމަދު ވަހީދު އިސްތިއުފާދެއްވައިފި އެވެ.
ޝިހާމް މިއަދު ސަން އަށް ވިދާޅުވީ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ޑީއާރުޕީ ސަރުކާރު ކޯލިޝަނުން ވަކިވުމަށް ނިންމުމާ ގުޅިގެން އެކަމަށް އިހުތިރާމްކުރުމުގެ ގޮތުން ކަމަށާއި އިސްތިއުފާގެ ސިޓީ މިއަދު ރައީސް އޮފީހަށް ފޮނުއްވައިފައިވާ ކަމަށެވެ.
ރައީސުލްޖުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި މިހާރު ތިއްބެވި ޑީއާރުޕީގެ ވަޒީރުނާއި ސްޓޭޓް މިނިސްޓަރުނާއި މިނިސްޓަރުންގެ ނައިބުން އެ މަގާމްތަކުން އިސްތިއުފާ ދެއްވުމަށް ތަސްމީން ވަނީ އެދިވަޑައިގެންފަ އެވެ.
ތަސްމީންގެ އެދިވަޑައިގަތުމަށް މިހާތަނަށް ޝިހާމްގެ އިތުރުން އިސްތިއުފާދެއްވާފައިވާ އަނެއް ދެ ބޭފުޅުންނަކީ ޕޯސްޓް ލިމިޓެޑް ޗެއާމަން އަހުމަދު ނިޒާމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ސައީދު އެވެ. ނަމަވެސް މިހާތަނަށް އެ ޕާޓީ އަށް ނިސްބަތްވެވަޑައިގެންނަވާ ދެ މިނިސްޓަރުން ކަމަށްވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު އިސްތިއުފާދެއްވާފައެއް ނުވެ އެވެ.